އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ.

މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައި އެކަމަށް އޮތް ރަސްމިއްޔާތެއްގައި އެ ބްރާންޗް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

Ad
rt

އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އަދި އެއީ ބައިނަލްއަޤްވާމީގޮތުން އަންހެނުންގެ ޗެމްބަރ އޮފް ކޮމާސްގެ ގޮތުގައި ވާޗުއަލްކޮށް ހަރަކާތްތެރިވާ ޕްލެޓްފޯމެކެވެ.

ކުރިމަގުގައި އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިޔަށްދިއުމުގައި ބޭނުންވާނެ ކަންކަން ދެނެގަތުމާއި، ވިޔަފާރިވެރި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދީ، ދުނިޔޭގެ އިޤްތިޞާދުގައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް އެހީތެރިވެދީ، އެމީހުންނަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭބީޑަބްލިއުސީއައިގެ މަގުޞަދުތަކެވެ.

އޭ.ބީ.ޑަބްލިއު.ސީ.އައިގެ މެންބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ވިޔަފާރިވެރިންނާއި، އަންހެނުންގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، އަންހެނުންނަށް ޚާއްޞަކޮށްގެން އިންވެސްޓްކުރާ ކުންފުނިތަކުގެ މެންބަރުން ވެސް ހިމެނެއެވެ.