ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހު ޝުކުރު އަދާކުރައްވައިފިއެވެ.

އެމަނިކުފާނު ޝުކުރު އަދާކުރައްވާފައި މިވަނީ އެ މަގާމުން މަބްރޫކް އިސްތިއުފާދެއްވައި އެކަން އިއުލާން ކުރެއްވުމުންނެވެ. ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ދުވަސްވަރު މަބްރޫކް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވާ ކަމަށާއި، އަބަދުވެސް ކާމިޔާބާއި އިފާފާގަތިކަން އެދިލައްވާ ކަމަށެވެ.

Ad
rt

އިސްތިއުފާދެއްވިކަން އިއުލާންކުރައްވައި މަބްރޫކް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެކަމަކީ ފާއިތުވި ދެތިން މަސްދުވަސް ކުރިން ފަށައިގެން ރައީސުލްޖުމްހޫރިއްޔާ އަށް އަންގައި އެމަނިކުފާނުގެ މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ. ރައީސް އޮފީހުގައި ޚިދުމަތްކުރެއްވި ދުވަސްވަރަށް އަލިއަޅުއްވާލައްވައި މަބްރޫކް ވަނީ ދެއްވި ފުރުސަތުތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ވަކިން ހާއްސަކޮށް ކޮވިޑް-19ގެ ދުވަސްވަރު ޚިދުމަތުގެ ފުރުސަތު ލިބުމާއި، ރައީސް ސޯލިހު ކުރެއްވި އިތުބާރު މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް އިސްތިއުފާ ދިނުމާއި އެކު މިހާރު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އަކަށް ހުންނެވި މިއުވާން މުހައްމަދެވެ.