ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ފާއިތުވި އަހަރުގެ ފަހުކޮޅު ފެށި "އާދަމް ސަލީމް ކަޕް 2021" ފުޓްބޯޅަ މުބާރާތް، އެ ދުވަސްވަރު ހަނިމާދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލުމަށްފަހު މުބާރާތުގެ ބާކީ އޮތްބައިގެ ކުޅުން މިއަދު ފަށައިފިއެވެ.
ފާއިތުވި އަހަރު ޖުމްލަ ހަތް ޓީމާއިއެކު މި މުބާރާތް ފަށާފައި ވަނީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ހަނިމާދޫގައި އެ ދުވަސްވަރު ކޯވިޑްގެ ބަލިމަޑުކަން ފެތުރި ގިނަ ޓީމްތަކެއްގެ ކުޅުންތެރިން ވެސް ކޯވިޑަށް ޕޮޒިޓިވްވެ ރަށް މޮނީޓަރިންނަށް ލުމާއި ގުޅިގެން މުބާރާތް މެދު ކަނޑާލާފައި ވަނީ 7 ޑިސެމްބަރ 2021 ގައެވެ.
މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ހަތް ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގައި ޖުމްލަ 23 މެޗެ ކުޅެނެ ޖެހޭއިރު މުބާރާތް މެދު ކަނޑާލިއިރު ވަނީ 11 މެޗު ކުޅެވިފައެވެ. ބާކީ އޮތް 12 މެޗުގެ ކުޅުން މިއަދު ފަށާފައިވާއިރު މިއަދުގެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރިއަލް ސްޓާސްއާއި ޔުނީފޯމެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗު ފަށައިގެން ރިއަލް ސްޓާސްއިން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މޫސާ ކައުޔަޝްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނީފޯމް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ރިއަލް ސްޓާސްއަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ޔުނީފޯމަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ، ރިއަލް ސްޓާސްގެ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ މުޙައްމަދު އަލީއެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔުނީފޯމް ޓީމްގެ ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ ޖޯޒީ ނަމްބަރު 20، ހުސެއިން ރަމީޒްއެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުގައި ބައްދަލުކުރާނީ އަހުލީއާއި ރޫޙެވެ.
ފޮޓޯ: އަބުދުﷲ ނާސިރު
މިވަގުތު ޕޮއިންޓް ތާވަލު އޮތް ގޮތަށް ބަލައިލާއިރު، ކުޅުނު ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ޔުނީފޯމެވެ. ދެވަނާގައި އަހުލީ އޮތީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ޝީލްޑަށް ވެސް ވަނީ ތިން މެޗުން 6 ޕޮއިންޓް ލިބިފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި ވަނީ 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ ވެސް "ސާސްކަފް ކަޕް" ގެ ނަމުގައެވެ.
ސާސްކަފް ކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމްއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ތެރޭގައި އާދަމް ސަލީމް ނިޔާވުމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އޭރުގެ ހިންގާ ކޮމެޓީން މި މުބާރާތުގެ ނަން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން މި މުބާރާތް މިއަދާ ހިސާބަށް ވެސް ބާއްވަމުން އައިސްފައި ވަނީ މި ނަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!