ށ. ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދެއްވާނެ ރައީސަކީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ވިދާޅުވެއްޖެއެވެ.
ފޭދޫ ފުޓް ބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމަކީ ރައީސް ޞާލިޙް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންފައިވާ ވަޢުދު ފުޅެކެވެ. އެކަން ފާހަގަ ކުރައްވައި ރައިސަމް ''ތިލަދުން'' އަށް ވިދާޅުވީ، އެ މަސައްކަތް ފެށުމަށް ދަނޑުގެ ސަބް ބޭސް ހަދަން މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ކައުންސިލްގެ ބައެއް މެންބަރުންނާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައެއް މެންބަރުންނާއި އެކު ރައިސަމް މިވަގުތު ހުންނެވީ މާލޭގައެވެ. މި ދަތުރުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ރައިސަމް އަދި ކައުންސިލް ބައެއް މެންބަރުން ވަނީ ޒުވާންނާބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު މަޚްލޫފާއި ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފޭދޫގައި ހިނގަމުންދާ އެ ވުޒާރާއި ގުޅުން ހުރި ކަންކަމާމެދު މަޝްވަރާ ހިންގާފައިވާ ކަމަށް ރައިސަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ރަށަށް ރައީސް ޞާލިޙް ވެވަޑައިގަތް ވަޢުދުތައް މިހާރު ދަނީ ފުއްދަމުންނެވެ. އެ ވަޢުދުތަކުން ކުރެ ހަމަ އެކަނި ނުފެށި އޮތް ކަމަކީ ރަށުގެ ޒުވާނުންގެ އުންމީދާ ގުޅިފައި އޮތް ދަނޑުގެ މަސައްކަތް އޭނާ ފާހަގަ ކުރެއްވިއެވެ.
''މިހާރު ރަށުގެ ދަނޑުގައި ޓާފް އެޅުމަށް ޓާފް ގެނައުމަށް ބަޔަކާ ވަނީ ހަވާލުކޮށްފައި، ދަނޑުގެ ސަބް ބޭސް ހެދުމަށް ވެސް ޓީއޭ ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި، ރައީސް ޞާލިޙަކީ ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދެއްވާނެ ރައީސްކަން ޔަޤީން'' ރައިސަމް ވިދާޅުވިއެވެ.
ފޭދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިއްޔެ ވަނީ ރައީސް ޞާލިޙާއެކު ރަސްމީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ރައިސަމް ވިދާޅުވީ މިއީ ރާއްޖޭގެ ރައީސަކު ފޭދޫގެ ކައުންސިލަކާ މި ގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.
މި ބައްދަލުވުމުގައި ފޭދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް މުހިންމުވެފައިވާ ކަންކަން ރައީސް އަރިހު ދަންނަވާފައެވެ. އަދި ރައީސް ޞާލިޙް ވަނީ ފޭދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވެފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!