ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ.

މި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށި، ފ. މަގޫދޫގެ އިތުރުން ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް (ރަށް ކަނޑައަޅާފައެއްނުވޭ) އެވެ.

Ad
rt

މީގެ ތެރެއިން ބައެއް ރަށް ރަށުގައި އެއާޕޯޓު އަޅަން މީގެ ކުރިން ދެ ފަހަރެއްމަތިން ޢިއުލާންކޮށްފަވެއެވެ. މީގެ ތެރެއިން މަކުނުދޫ އާއި ބިލެތްފަހީގައި އެއާޕޯޓު އަޅަން ބަޔަކު ހޯދަން ފުރަތަމަ ޢިއުލާން ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުއެވެ. ފަހުން އެ ޢިއުލާނުގެ މުއްދަތު އެ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު އިތުރު ކުރިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު ހެދުމަށް އަލުން ހުޅުވާލީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު" އަށް އައި ބަދަލަކާ ގުޅިގެންނެވެ.

އެ މިނިސްޓްރީން އަލުން ހުޅުވާލި ފުރުސަތުގައިވާ ގޮތުން އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގައާއި ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރެވެ.

"ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު"އިން އައި ބަދަލާއެކު، އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އިކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ޢިއުލާންގައި ބުނެފަވެއެވެ.

އެއާޕޯޓު ހެދުމަށް ކުރިން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބާތިލު ނުވާނެ ކަމަށާއި އެ މީހުން އަލުން ޕްރޮޕޯސަލް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.