ށ. ކަނޑިތީމު ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށު ފެންވަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ކަނޑިތީމް ކައުންސިލް ޤުރުއާން މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ މަޤުސަދަކީ އެ ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން ޤުރުއާން އުނގެނި ކިޔެވުމާއި، އުނގަންނާދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ މާހައުލެއް އުފެއްދުމެވެ. އަދި ރަށުގެ ކުދި ބޮޑު އެންމެންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ރަށުން ބޭރުގައި އޮންނަ ބޮޑެތި މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ރަނގަޅު ދަރިވަރުން ތަކެށް އުފެއްދުމެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 25 އޮގަސްޓް 2022 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ. ރަސްމީ ކޮންމެ ދުވަހަކު ކައުންސިލްގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އޮންލައިންކޮށް ފޯމް ފުރިހަމަ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭ ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.

އޮންލައިން ފޯމް: https://forms.gle/hBccDyedpLfsTqop7

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކަނޑިތީމުގައި ރަށްވެހިވެފައިވާ ފަރާތްތަކަށާއި ކަނޑިތީމު ރަށްވެހިވެފައިވާ ރައްޔިތުންގެ ދަރިންނަށާއި ކަނޑިތީމު ރައްވެހިވެފައިވާ ރައްޔިތެކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުއްވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން ކަނޑިތީމުގައި ހިންގާ ޤުރުއާން ކިލާސްތަކާއި ކަނޑިތީމުގައި ތަޢުލީމް ދެމުން އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށެވެ.

މި މުބާރާތުގައި ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައި ވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ފޮތުން ބަލައިގެން ކިޔުމުގެ ބަޔާއި ހިތުން ކިޔުމުގެ ބައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 22 ސެޕްޓެމްބަރ 2022 ގައެވެ.