ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަގީންކަން ދެއްވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021) ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ޚާއްޞަކޮށް ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އައި.އެސް.ޖީ.2021ގައި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއް ކަމުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ޙާޞިލު ކުރެވެމުން ދިޔައީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ވަނީ ލިބިގެން ގޮސްފައެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދު މިކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.