ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޕަބްލިކް ހެލްތު ޔުނިޓުގެ އިސްނެންގެވުމާއިއެކު ކުޅުދުއްފުށީ ސިޓީ ޕޮލިސް އާއި ގުޅިގެން ކުރިޔަށްގެންދާ ހަށި ހެޔޮ ކަސްރަތު ޕްރޮގްރާމް ފަށައިފި އެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަށި ހެޔޮ ކަސްރަތު ޕްރޮގްރާމް އިފްތިތާހް ކުރެވިފައިވާއިރު، ކަސްރަތު ސެޝަންތައް ފެށިގެންދާނީ މާދަމާ އެވެ.

Ad
rt

ކޭއާރުއެޗްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ހަށި ހެޔޮ ކަސްރަތު ޕްރޮގްރާމްގެ މަޤްޞަދަކީ، ބަލިތަކުން ރައްކާތެރިވެފައިވާ ޞިއްޙަތު ރަނގަޅު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާ ކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކޮށް އާންމުން ހޭލުންތެރިކުރުމެވެ.

މި ކަސްރަތު ޕްރޮގްރާމްގެ ހަރާކާތްތަށް ކުރިއަށް ގެންދަވާނީ، ކުޅުދުއްފުށީ ސިޓީގައި އެކަމުގެ ތަމްރީނާއި ތަޖުރިބާ ހޯއްދަވައިގެން ތިއްބެވި ފުލުހުންނެވެ. މި ޕްރޮގްރާމްގެ އިދާރީ މަސައްކަތްތަކާއި، ބައިވެރިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ޤަވައިދުން މޮނިޓަރކޮށް، ޞިއްޙީ މަޢުލޫމާތުތައް ހިއްސާ ކުރައްވާނީ ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުންނެވެ.

މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ހ.ދ އެޓޯލް ކޮމާންޑާރ، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޔާޒްއެވެ. އިފްތިތާހްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކޮމާންޑާރގެ އިތުރުން ކަސްރަތު ޕްރޮގްރާމް ލީޑް ކުރައްވާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމްޖަދު އަލީ ވެސް ބައިވެރިންނާއި މުޚާތަބުކުރެއްވިއެވެ. ހޮސްޕިޓަލްގެ ފަރާތުން ޕްރޮގްރާމްގެ ތަޢާރަފެއް އެރުވީ ކޮމިނިއުޓީ ހެލްތު އޮފިސަރ އަނޫޝާ އަލީއެވެ.

30 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމް 173 ބައިވެރިންނާއިއެކު އިފްތިތާހް ކުރެވުނު ނަމަވެސް އިތުރު ބައިވެރިންނަށް ފުރުޞަތު ދިނުމަށް ހުޅުވާލުމުން އިތުރު 34 ބައިވެރިން މި ޕްރޮގްރާމާއި ގުޅިފައިވެއެވެ. އެހެންކަމުން، ޖުމްލަ 207 ފަރާތެއް މި ޕްރޮގްރާމްގައި ބައިވެރިވާނެކަމަށް ޕަބްލިކް ހެލްތު ޔުނިޓުން މަޢުލޫމާތު ދެއްވައެވެ. 2018 ވަނަ އަހަރުގައި ވެސް މިފަދަ ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންދެވިފައެވެ.

10 އޭޕްރީލް އިން 10 މެއި 2018 ގެ ނިޔަލަށް ކުރިޔަށް ގެންދެވުނު ޕްރޮގްރާމްގައި ޖުމްލަ 174 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިންގެ ފަރާތުން ލިބިފައިވާ ފީޑްބެކަށް ބަލާއިރު މި ޕްރޮގްރާމްގައި ބައިވެރިވެ ކަސްރަތު ކުރަން ފެށުމުން ހަށިގަނޑަށް ވަރަށް ބޮޑަށް ފަސޭހަވެ، ގައިގެ ރިއްސުމަށް ލުޔެއް ލިބިފައިވާ ކަމަށާއި، ނޭވާހިއްލާ ބައެއް ބައިވެރިން ޕަންޕް ބޭނުން ކުރަންޖެހުން މަދުކަމުގައި ފާހަގަކުރައްފައި ވެއެވެ.