މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރިއަށް ގެންދާ ޔޮޓް ރެލީ، ''ސަވާދީއްތަ ދަތުރު''ގެ ސަބަބުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދާކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

މި ދަތުރުގެ ފުރަތަމަ ބުރު ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ހއ. ހޯރަފުށިންނެވެ. މި ބުރުގައި ކުރިއަށް ގެންދިޔަ ދަތުރުގައި 12 ޔޮޓެއް ބައިވެރިވެފައި ވެއެވެ. މީގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާގެ ޔޮޓުތައް ހިމެނެއެވެ.

Ad
rt

ތިން ހަފްތާއަށް ކުރިއަށް ގެންދިޔަ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރިއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ވެސް ހިމެނެއެވެ.

"ސަވާދީއްތަ ދަތުރު" ގެ ދެވަނަ ބުރު މިމަހުގެ 12 ވަނަ ދުވަހު ލޯންޗުކޮށްފައިވާއިރު، އެ ދަތުރާއި ގުޅިގެން އެމްޑީރާއިދު ވިދާޅުވެފައި ވަނީ، ފަތުރުވެރިންނަށް ރާއްޖޭ އެނގިގެން ގޮސްފައިވަނީ ލަގްޒަރީ ރިސޯޓުތަކަށް އެކަނިކަމަށެވެ. ނަމަވެސް ދަތުރުގެ ސަބަބުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އަކީ ކޮބައިކަން އެނގިގެންދާކަމަށް އޭނާ ވިދާޅުވެފަވެއެވެ.

ސަވާދީއްތަ ދަތުރު ހޯރަފުށިން ފަށައިފި

''ފަތުރުވެރިންނަށް ރާއްޖޭ އެނގިގެން ގޮސްފައިވަނީ ލަގްޒަރީ ރިސޯޓުތަކަށް އެކަންޏެވެ. މި ދަތުރުގެ ސަބަބުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އަކީ ކޮބައިކަން އެނގިގެން އެބަދެއެވެ." - އެމް.ޑީ ރާއިދު -

"ސަވާދީއްތަ ދަތުރު" ގެ ދެވަނަ ބުރު ލޯންޗުކޮށްފައިވާއިރު، މި ބުރު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ 2023 ވަނަ އަހަރުގެ މާރިޗް 1 އިން 13 އަށެވެ. މިފަހަރު ޔޮޓުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށެވެ. މިގޮތުން، ނ. އަތޮޅުން އަރިއަތޮޅާ ހަމައަށް މީހުން ދިރިއުޅޭ 9 ރަށަކަށާއި 2 ފަޅުރަކަށް ޔޮޓުތައް ދަތުރުކުރަން ވަނީ ނިންމާފައެވެ.