މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ހިންގި ''އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް'' ނިމުމުގެ ރަސްމިއްޔާތު އިއްޔެ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ކޯހަކީ އެމްސީއެސްގެ މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި ކޯހެކެވެ.

Ad
rt

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ 15 ދުވަހުގެ މި ކޯހުގެ މިއީ ފުރަތަމަ ބެޗުކަމަށް އެމްސީއެސްއިން ވިދާޅުވެއެވެ.

މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. އަދި ކުރިން ހިންގާފައިވާ ''ސެޓްފިކެޓް 3 އިން ލައިފްގަރޑް އެންޑް ސްވިމިންގ އިންސްޓްރަކްޓަރ ކޯސް'' ގެ ދަސްވެނިންނަށް ވެސް މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދިނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ވިދާޅުވީ މިއީ ވަރަށް މުހިއްމު މަސައްކަތެއްގެ ނިމުމަށް ބޭއްވި ރަސްމިއްޔާތެއް ކަމަށެވެ. އަދި އެމްސީއެސްގެ ތެރޭގައި އެ މުވައްސަސާއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީންކުރާނެ އިންސްޓްރަކްޓަރުން ތަމްރީންކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުވުމެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ، އެއްވެސް ކަމަކީ 100% ވަރަށް ރަނގަޅުކަމެއްކަން އަމިއްލަ ސިކުނޑިއަށް ވިސްނޭނަމަ، އެކަމެއް ހާޞިލްކުރަން މަސައްކަތްކުރަން ވާނެކަމަށާއި އެ އަޒުމުގައި މަސައްކަތްކުރުމަށް އެމްސީއެސްގެ ހުރިހާ އޮފިސަރުންނަށް އިލްތިމާސް ކުރަށްވާފައެވެ.