ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު)، އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ހއ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 53 ވަނަ ޢާންމު ބައްދަލުވުމުނެވެ.
މިގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަން އެ ކައުންސިލުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރ 22 އިން 25 ގެ ނިޔަލަށެވެ.
ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މިފަހަރުގެ މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ކީ ސްޓޭޖްގެ 1، 2، 3، 4، 5 ގެ ދަރިވަރުންނެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެބައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މުބާރާތް ކުރިއަށް ގެންދާނީ ރަށު ފެންވަރުގައި ބާއްވާ އޮޑިޝަނުން ހޮވާލެވޭ ކުދިންގެ މެދުގައެވެ.
މި މުބާރާތުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ޤްރުއާން ކިޔެވުމުގެ މުބާރާތުގައި ވެސް ޢަމަލުކުރަމުން ގެންގޮސްފައިވާ ޤަވާޢިދާ އެއްގޮތަށްކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި ޢަމަލުކުރާނީ މުޅިއަތޮޅަށް ހުޅުވާލައިގެން އެކަމަށް އެދި ފުރުސަތު ދީގެންކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން އެ ރަށެއް ކަނޑައަޅާނީ ހުޅުވާލާ ފުރުސަތުގައި ޝައުގުވެރިކަންފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާ ރަށްތަކުންކުރެ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގައެވެ.
ހއ. އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ޤްރުއާން މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ހއ. އަތޮޅު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި އެކުދިންނަކީ ދީނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!