ފުރަތަމަ ފަހަރަށް މަންމައަކަށް ވުމަކީ، އުފަލުން ފޮޅޭ ވަގުތަކަށްވީނަމަވެސް ހަމަ އެހާމެ ބިރުވެރި ކަމަކަށްވެސް ވެދާނެކަމެކެވެ. 9 މަސް ދުވަހު، ދަރިފުޅު އަމިއްލަ ހަށިގަނޑުގައި ރައްކާތެރިކަމުގައި ބެލެހެއްޓީ އެކޮއިގެ ސިއްޙަތާއި ދުޅަހެޔޮކަން ސިކުނޑީގެ ފަހަތުގައި އަބަދުމެ އޮންނަޙާލުއެވެ.

ނަމަވެސް، ވިހެއުމަށްފަހު ދަރިފުޅު އަތަށް ލިބިގެންދާ ވަޤުތަކީ ހުވަފެނީ ދުނިޔެއިން ދުނިޔެއަށް ރުޖޫޢަވާން މަޖުބޫރުކުރާ ހިނދުކޮޅެކެވެ. މި ތުއްތު ދަރިފުޅުގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅިގެން މިދަނީ، އެކަށްޗެއްވެސް ނޭގުނަސް މާތް ﷲ އާއި ވަކީލުކުރާ ޙާލުއެވެ.

Ad
rt

އެހިންދުން، އުނގުގައިވާ ދަރިފުޅުގެ ހުރިހާކަމެއް އެންމެ ރަނގަޅަށް ކުރަން ބޭނުންވެ އިންތިހާއަށް ހުރިހާކަމަކާއިމެދު ވިސްނޭތަން އާދެއެވެ. ސުވާލުތަށް ފުނިޖެހި، ތިމާކުރާ ހުރިހާކަމަކާއިމެދު ޝައްކުކުރެވޭތަންވެސް އާދެއެވެ. އެހެންކަމުން، އެފަދަ އަލަތު މައިންގެ ހިތަށް އެއްވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ގެނެވޭތޯ ދެތިން ބަހެއް ޙިއްސާކޮށްލާނަމެވެ.

ދަރިފުޅު އެހާވަރަށް ރޮނީ ކީއްވެބާ؟

ރުއިމަކީ އަލަށް ދުނިޔޭގެ އަލިކަން ދެކޭ ތުއްތު ކުއްޖާގެ ހަމައެކަނި މުޢާމަލާތުކުރުމުގެ ނިޒާމޭ ބުންޔަސް ދޮގަކަށްނުވާނެއެވެ. އެންމެ ތުއްތުއިރު އެކުދިންގެ ދުވަހުގެ ތާވަލުގައި އެންމެ ގިނައިން ކުރާނޭކަމަކީ ނިދުމެވެ. ހޭލެވުމުން ރޯންފަށަނީ، ބަނޑުހައިވުމުން ނުވަތަ ނެޕީ ބަދަލުކުރަން ނުވަތަ ކޮންމެވެސް އުންދަގުލެއްގެ ސިގްނަލް ދިނުމަށްޓަކައެވެ.

އެހެނަސް، ދިރާސާތަކުން ދައްކާގޮތުގައި މިކުދިންނަކީ ވަކި ސަބަބަކާއި ނުލާވެސް ރުއިން އެކަށީގެންވާ ކުދިންނެވެ. ކުއްލި އަޑެއް އިވުމުން، ނުވަތަ މަންމަ ތިމަންނަ އުރާލާށޭ ބުނާ ބީދައިން ރޮއެލުމަކީވެސް އެކަށީގެންވާކަމެކެވެ.

ދަރިފުޅުގެ ހުރިހާ ބޭނުންތަށް ފުރިހަމަވެފައި ހުރެމެ، އަދިވެސް ރޯނަމަ މަންމައަކަށް ކޮށްލެވޭނެ އެންމެ މުހިންމު ކަމަކީ އެކަމާއި ކަންބޮޑުވުން ދެއްކުމުގެ ބަދަލުގައި ޢަމަލުތަށް މަޑުމޮޅިކޮށް ދަރިފުޅު އުރާލާ ގަޔާއި ކައިރިކޮށްލުމެވެ. މަޑުމަޑުން ވާހަކަ ދައްކާ، ނަނާއެއް ކިޔާލާ މަސަލަސް ކޮށްލުމަށް މަސައްކަތްކުރުމެވެ. ވަގުތުކޮޅެއް ނަގާފާނެއެވެ. ބައެއްފަހަރު މާޙައުލު ބަދަލުކޮށްލުމުންވެސް ދަރިފުޅު ހުއްޓާލާތަން އާދެއެވެ. ހާސްވެ ކަންބޮޑުވާނަމަ، އެކަންތަށް ދަރިފުޅަށް އިޙްސާސްވެ ރުއިން އިތުރުވެގެންދިޔުމަކީ އެކަށީގެންވާކަމެކެވެ.

ދަރިފުޅު ނުނިދަނީ ކީއްވެބާ؟

އަލަށް އުފަންވާ ކުދިންނަކީ އެކުދިންގެ ނިދުމުގެ ނިޒާމުގައި ރެޔާއި ދުވާލު އޮޅިފައިވާ ކުދިންނެވެ. ބައެއްކުދިން ދުވާލު ފަސޭހައިން ނިދާނަމަވެސް ރޭގަނޑު ރޮއެނަގާތަން އާދެއެވެ. މިކުދިންނަކީ ދުވަސްތަށް ފާއިތުވާވަރަކަށް އަމިއްލައަށް މިކަންކަން ދެނެގަންނަ ކުދިންނެވެ.

ހަފްތާއެއް ދެހަފްތާ ނަގާފާނެއެވެ. ރޭގަނޑު ނިދަން ފަށާފަހުންވެސް، ބަނޑުހައިވެ ހޭލެވޭތަން އަންނާނެއެވެ. އެހެނަސް، އެކޮއިގެ ބަނޑުގެ ސައިޒް ބޮޑުވަމުންދާވަރަކަށް ގިނައިން ކިރުބޮވި މިކަމަށްވެސް ޙައްލެއް އިސާހިތަކު އައިސްދާނެއެވެ. މުހިންމުކަމަކީ މާތްﷲ އާއި ވަކީލުކޮށް އަމިއްލަ ނަފްސަށް އޯގާތެރިވުމެވެ.

ގާތުން ދިނުމަކީ ހުރިހާ މައިންނަށް ފަސޭހަކަމަކަށް ނުވެދާނެއެވެ.

ތުއްތު ދަރިފުޅަށް ގާތުން ކިރުދިނުމަކީ ކޮންމެ މަންމައެއްގެ ހަށިގަނޑުގައިވެސް އެކުލެވިގެންވާ ގުދުރަތީ ނިޒާމެކެވެ. އެހެންނަމަވެސް، ބައެއް އަލަތުމައިންނަށް މިކަންވެގެންދަނީ ކުރިމަތިލާންޖެހިފައިވާ ބޮޑު އިމްތިޙާނެކަށެވެ. މިހެން މިކަންވެގެންދަނީ ކިރުފޮދު އެރުން ލަސްވުމުން ނުވަތަ ބައެއްފަހަރު ތުއްތު ދަރިފުޅަށް އަމިއްލައަށް ޖައްސަން ނޭގޭތީއެވެ. ކިރު އަރައިގެން އަންނަހިނދުވެސް ރަނގަޅަށް އެކޮޔަށް ގާތުން ނުދެވޭނަމަ ކިރު ގަނޑުވެ މި މަސައްކަތް އިތުރަށް ވޭންހުރިކަމަކަށްވެސް ވެގެންދެއެވެ.

މިފަދަ ކަމަކާއި ކުރިމަތިލާނަމަ، އެންމެ ފުރަތަމަ އެންމެފަސޭހައިން ކޮށްލެވެން އޮތްކަމަކީ، ގާތުން ކިރުދިނުމާއި ބެހޭގޮތުން ލިބެންހުރި ހުރިހާ މަޢުލޫމާތެއް އެއްކުރުމެވެ. ތިމާއަށް ދިމާވަނީ ކޮންކަހަލަ ކަމެއްތޯ އަމިއްލައަށް ދެނެގަނެ އެކަމާއި ގުޅޭގޮތުން ޑޮކްޓަރަކަށް ނުވަތަ ތިބާގެ މިޑްވައިފް އާއިވެސް ހިއްސާކޮށްލެވިދާނެއެވެ. މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް އަލަތުމައިންގެ އެކިއެކި ތަޖުރިބާތަށް ކިޔައި އެ މަޢުލޫމާތުންވެސް ފައިދާ ލިބިގަނެވިދާނެއެވެ.

މުހިންމުކަމަކީ، ދިމާވާ ކަންކަމާއި ކަންބޮޑުވުމުން ދުރުހެލިވުމެވެ. ސަބަބަކީ، މައިމީހާ މާބޮޑަށް ވިސްނާ ސްޓްރެސް ވާނަމަ، ހަށިގަނޑުން ކިރު އުފެދޭމިންވަރު މަދުވެގެންދިޔުމަކީ އެކަށީގެވާކަމަކަށްވާތީއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ހުރިހާކަމަކީ އަމިއްލައަށް ދެނެގަނެވޭނޭ ކަމެއްނޫންކަމެވެ. އަލަތުމަޔަކަށްވެހުރެ ތިބާއަށް އެނގޭ ކަންތަކަށްވުރެ ގިނަވާނީ ނޭގޭކަންތައްތައްކަން ޤަބޫލުކުރުމަކީ އަމިއްލަ މީހާގެ ހެދިބޮޑުބުމުގެ ފުރަތަމަ ފިޔަވަޅުކަން ދަންނާށެވެ.

ދަރިފުޅު ރޯލާއިރަށް އުރާލުމަކީ މައްސަލައެއްބާ!

އެއްވެސް މީހަކު އެއްވެސް އިރެއްގައި ދަރިފުޅު އަބަދު އުރައިގެން ނޫޅޭށޭ އެކަމަށް އާދަވެދާނޭ ބުނިހެއްޔެވެ؟ މިއީ ބައެއް މީހުން ހަމަ ހެޔޮއެދޭތީ ބުނާވާހަކައެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި މިއީ މުޅިން ތެދު ޙަޤީޤަތެއްނޫނެވެ. ޢުމުރުން 3 މަސް ނުފުރޭ ކުދިންނަކީ ކަމަކަށް އާދަހަރުލާ ޢުމުރަށްވުރެ ތުއްތު ކުދިން ކަމަށް ދިރާސާވެރިން ރަޢުޔުނެރެއެވެ.

ރުއިމަކީ މިކުދިންގެ މުއާސަލާތީ ނިޒާމަށްވާއިރު، އެކުދިން ރޯން ދޫކޮށްލުމަކީވެސް ނަފްސާނީ ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމެއްކަމަށްވެސް މި ތަހުލީލުތަކުން ދައްކުވައިދެއެވެ. ބޮޑުވަމުންދާއިރު އެކޮޔަށް މުހިތްމުވާނީ ފުރަތަމަ މަންމަގެ ސަޕޯޓް އޮތްކަން އެނގުމެވެ. އިސާހިތަކު ﷲގެ މިންވަރުފުޅުން އަމިއްލައަށް އުޅެގަންނަން ފަށާފާނެއެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ޤަބޫލުކުރާށެވެ.

އާދެ، ދުނިޔެއަށް އުފަންވާ ހުރިހާ ކުދިންގެ ޑީ.އެން.އޭ ތަފާތުވާ ބީދައިން، އެކުދިންގެ އުޅުމާއި ހެދިބޮޑުވުމުގައި ތަފާތުވުން ހުރުމަކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ހުރިހާކުދިންނަކީ އެއްވަރަކަށް ނިދާނޭ ކުދިންނެއް ނޫނެވެ. އެއްކުއްޖަކު ރޭގަނޑު ބޮޑުބައި ނިދުމަކީ ތިމާގެ ދަރިވެސް ނިދަންޖެހޭ ސަބަބެއްނޫނެވެ. އަދި ތިމާގެ ދަރީގެ އަވަހަށް ދަތްފެޅުމަކީ ޖެހިގެންހުރި މީހާގެ ދަރިފުޅުގެ ދަތާއިމެދު ސުވާލު އުފައްދަންވީ ކަމެއްވެސް ނޫނެވެ.

ބައެއްކުދިން އަވަހަށް ފިރުކި ހިނގާ ދުވެހަދާއިރު އަނެއްބައި ކުދިން އަމިއްލަ ދުނިޔޭގައި ގެއްލިފައި ތިބުމަކީ އެކުދިންގެ ވިސްނުމާއި ހެދިބޮޑުވުމާއިމެދު ކަންބޮޑުވާންވީ ކަމެއްވެސް ނޫނެވެ. ސިއްޙީގޮތުން އެކޮއެ ރަނގަޅުނަމަ އެނިމުނީއެވެ. ޤުދުރަތީގޮތުން ވާންހުރި ކަންކަމަށް އެކުދިން ނުވިސްނާއިރު މައިމީހާ ވިސްނާ ފިކުރުކުރުމުގެ އެއްވެސް ބޭނުމެއް އެބައޮތްބާއެވެ؟

އެހެނަސް، ތިމާގެ ލޮލުގެ ކޮއިގެ ހެދިބޮޑުވުމައްޓަކައި ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. ދަރިފުޅުގެ ޢުމުރާއި ގުޅޭ ކުޅޭ އެއްޗިހި ދީ، އެކުދިންނާއި އެކު ކުޅުމުގައި ވަގުތު ހޭދަކުރެވިދާނެއެވެ. ގިނަގިނައިން ވާހަކަދައްކާ، އެކިއެކި ހަރަކާތްތަށް ދަސްކޮށްދެވިދާނެއެވެ. 4 މަސް ހިސާބުންވެސް ހިރުގަނޑު ވަރުގަދަކުރާ ޒާތުގެ ތަކެތި އެކޮޔަށް ދެވިދާނެއެވެ. މޫދަށް ދިޔުމާއި އެކިއެކި މާޙައުލުތަށް ދައްކާލާ ވިނަގަނޑުތަށް މަތީ ފައިޖައްސާލުން ފަދަ ކުދިކުދި ކަންތަކަކީވެސް އެ ތުއްތު ދަރިދުޅުގެ ނަޒަރުގައި ވަރަށްވެސް ބޮޑެތި ކަންކަމެވެ.

އަލަތުމަންމަޔަށް!

ތިބާއީ އެހެން މަންމައިންނޭވެސް އެއްފަދައިން ހަމަ ފިސާރި އަންހެނެއްކަން ޤަބޫލުކުރާށެވެ. 9 މަސްދުވަހު ދަރިފުޅު ބަނޑުއަޅައި، އެދަރިފުޅު ވިހެއުމަކީވެސް ކުޑަކަމެއްނޫންކަން ދަންނާށެވެ. އަދި ބޮޑުބައި އޮތީތާއެވެ. ހުރިހާ އައުމައިންނޭ އެއްފަދައިން ތިބާއަށްވެސް ނޭގޭއެއްޗިހި ހުންނާނެކަންވެސް ޤަބޫލުކުރާށެވެ.

ނަމަވެސް މިކަމަކީ މާތްﷲ ހުރިހާމައިންގެ ފިތްރަތުގައި ލައްވާފައިވާ ކަންކަމެވެ. ފުރަތަމަކޮޅު އާވުން އެއީ ކަންއޮތްގޮތެވެ. ތިބާގެ ސިކުނޑި އެދަނީ ދުވަހެއްދުވަހަކަށް އާލާވަމުންނެވެ. އިސާހިތަކު، ދަރިފުޅުބަލަމުން ފިރިމީހާގެ ގަމީސް އިސްތިރިކުރަމުން، ފުނިޖެހިފައިހުރި ތަށިތައް ދޮވެވޭދުވަސްވެސް އައިސްދާނެއެވެ. މުހިންމީ މާތްﷲ އަށް ވަކީލުކުރާޙާލު ކެތްތެރިވުމެވެ.

މަޢުލޫމާތު ނަގާފައިވަނީ: ހެލްތްޕާޓްނާސް.ކޮމް