ހދ. ނޮޅިވަރަމްގެ ތަރައްޤީއަށް މިހާރަށް އެންމެ މުހިންމު ކަންކަން އެރަށު ކައުންސިލާއި، އެރަށު މުއައްސަސާތަކުގެ ވެރިން ނައިބު ރައީސް ފައިސަލް ނަސީމަށް ދަންނަވައިފިއެވެ.

މި ކަންކަން ނައިބު ރައީސާއި ހިއްސާ ކުރަށްވާފައި ވަނީ، ނައިބު ފައިޞަލް ނަސީމް، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ.

Ad
rt

މިއަދު ހަވީރު ނޮޅިވަރަމް ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ނޮޅިވަރަމް ކައުންސިލާ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އެރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ނަރުދަމާ ފުރިހަމަވެފައި ނެތުމާއި، އައު އިންޖީނުގެ އެޅުމާއި، ޒަމާނީ ފެންވަރަށް މަގުތައްހަދައި އަދި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ވަނީ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ، ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްޞާކުރައްވާފައެވެ.

ނައިބު ރައީސް، ނޮޅިވަރަމް ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރަށްވަނީ، ފޮޓޯ: ރައީސް އޮފިސް

ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބައްލަވައި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރި ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުޙަލާގައިކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް މިއަދު ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި ވަނީ ނޮޅިވަރަމް ހެލްތު ސެންޓަރަށާއި ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން ނޮޅިވަރަމް ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ވަސީލަތްތަކާއި ޚިދުމަތް ހުރިނެތް ގޮތް އޮޅުން ފިލުއްވައި ޞިއްޙީމަރުކަޒުގައި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ޙާލު ބައްލަވާފައެވެ.

ނީގެ އިތުރުން ނައިބު ރައީސް ނޮޅިވަރަމް ސްކޫލަށް ޒިޔާރަތްކުރައްވައި އެސްކޫލުގެ ކަންކަން ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ނޮޅިވަރަމް ސްކޫލުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅުކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.