ކުރީގެ ރައީސް، އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ދެވަނަ ދައުރަކު ރާއްޖޭގެ ވެރިކަން ކުރާން ފުރުސަތު ލިބުނު ނަމަވެސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެކަން ޔަގީންވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަކީ ކުރީ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ޚިޔާނާތުގެ ޢަމަލެވެ.
އެ ޚިޔާނާތަށް އިޝާރާތް ކުރައްވަމުން މެންބަރު ޝިފާޢު ވިދާޅުވީ، އެ ޚިޔާނާތް ފެށުނީންސުރެ ކަމާބެހޭ އިދާރާތަކުން އައީ އޭރުގެ ވެރިމީހާ (ރައީސް ޔާމީން)ގެ ސަމާލުކަމަށް އެކަން ގެންނަމުން ކަމަށެވެ. ނަމަވެސް އެ ޚިޔާނާތުގެ ތެރެއިން ހިނގި ވައްކަންތައް ހުއްޓުވާފައި ނުވާކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި އައީ އެ ވައްކަންތައް ރާވަމުން ކަމަށް ޝިފާޢު ވިދާޅުވިއެވެ.
''ވައްކަންތަށް ހުއްޓުވުމުގެ ބަދަލުގައި އައީ ވައްކަމުގައި ބައިވެރިވެ ވައްކަންތައް ވިލަރެސްކުރަމުން. ދެވަނަ ދައުރެއްލިބުނަސް ވައްކަންނޫން ކަމެއް ނުކުރާނެކަން ޔަގީން'' ޝިފާޢު ވިދާޅުވެފަވެއެވެ.
ޝިފާޢު ވިދާޅުވީ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ އެމަނިކުފާނަށް އިތުރަށް ލިބެންޖެހޭ 4 މިލިއަން ޑޮލަރު އޮތް ކަމަށް ވަކާލާތުކުރަމުން ކަމަށެވެ.
''ވެރިކަމުގައިހުރެ ބައިރުފިޔާއެއް ލިބި، އެލިބުނުގޮތް ރައްޔިތުމީހާ ބުނެދޭންއެދިއްޖެނަމަ އެފައިސާ ލިބުނުގޮތް ބުނެދެވެންޖެހޭނެ.'' ޝިފާޢު ވިދާޅުވެފަވެއެވެ.
އެ ފައިސާ ލިބުނުގޮތް ބުނެނުދެވޭނަމަ، އެ އިއުތިރާފުވެވެނީ އެ ފައިސާއަކީ ސައްޙަގޮތުގައި ހޯދި ފައިސާން ނޫންކަމަށް ކަމަށް ޝިފާޢު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!