ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމުގައި ނޮޅިވަރަމް ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި އަދި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބައިވެރިވިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނުވަނީ އެރަށު ސިއްހީ މަރުކަޒަށާއި، ސްކޫލަށް ވަޑައިގެން އެ މަރުކަޒުގެ ކަންކަން ބައްލަވާ ލައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ނޮޅިވަރަމް ކައުންސިލާ އަދި އެރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަތީ ކުޅުދުއްފުށީ ސިޓީއަށެވެ. އެ ރަށަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ޘަޤާފީ މަސަައްކަތްތެރިކަމާއި ގުޅޭ މައުރަޒު ''ޘަޤާފީ މަސައްކަތް ދިރުވުން'' ހުޅުވައި ދެއްވައި އެ މައުރަޒޔ ބައްލަވާ ލެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވެސް ޒިޔާރަތް ކުރައްވައި އެ ހޮސްޕިޓަލްގެ ކަންކަން ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!