ސޯޅަ މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން ސިފައިން އެހީތެރިވަމުން އެބަދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފަރަށް އެރި މުދާ އުފުލާ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ބޯޓަކީ 16 މީހުންނާއެކު ފުރައިގެން މާލެއިން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު އުރިފައި ވަނީ ލ.މާމެންދޫގެ އުތުރު ފަރާތު ފަރަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 03:25 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން ދަނީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުނެވެ.
ބޯޓުގައި ހުރި މުދާތައް ލ.މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފަރަށް އެރި މުދާ އުފުލާ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެެއް ބޭލުމަށް ފަހުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!