މިސުވާލަކީ ވަރަށް ގިނަ މުލްޙިދުން (އެތީސްޓުން) އުފައްދާ ސުވާލެކެވެ. އަދި މިޒަމާނުގެ ލާދީނީ (ސެކިއުލަރ) އޮއިވަރުތަކުގައި ޖެހިފައިވާ މީހުންވެސް މިސުވާލު އުފައްދައެވެ. އަދި މިފަދަ ލާދީނީ މީހުން އުފައްދާ ޝުބުހަ ތަކުގެ ސަބަބުން ރަނގަޅަށް އުޅޭ، ދީނަށް ލޯބި ކުރާ ﷲ އަށް އީމާންވާ ބައެއް މުސްލިމުންގެ ހިތުގައި ވެސް ޝައިޠާނާ މިސުވާލުގެ އޮށް އިންދައި، މީހާ ދީނާ މެދު ޝައްކު ކުރުވުމަށް މަސައްކަތް ކުރެއެވެ. އެހެނަސް ޙަޤީޤަތުގައި ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނައި ފިކުރު ކޮށްފި މީހަކަށް މި ސުވާލުގެ ޖަވާބު ދެނެގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެހެންނަމަވެސް ބުއްދީގެ ގޮތުން މިސުވާލާ މެދު ވިސްނާލުމުގެ ކުރިން ސިކުނޑީގައި ބަހައްޓަން ޖެހޭ ކަމަކީ ﷲއީ އެންމެ ޙިކުމަތްވަންތަ އިލާހު ކަމެވެ. ”އަލްޙަކީމަކީ“ އެއިލާހުގެ އިސްމުފުޅުތަކުގެ ތެރެއިންވާ މަތިވެރި އިސްމުފުޅެކެވެ. މަތިވެރިވެގެންވާ ޙިކުމަތަކަށްޓަކާ މެނުވީ އެއިލާހަށް އަޅުކަން ކުރުމަށް އަހަރެމެންނަށް އަމުރު ނުކުރައްވާނެއެވެ.

Ad
rt

އެހެނީ އެއިލާހީ އެއިލާހު އިރާދަ ކުރައްވާ އެންމެހާ ކަމެއްގައިމެ އެންމެ ޙިކުމަތްވަންތަ އިލާހެވެ. އަދި އެޙިކުމަތްތައް އަހަރެމެންނަށް އެނގިފައި ނުވުން ވެސް އެކަށީގެންވެއެވެ. އެހެނީ އެއިލާހު ކަންކަން ތަދުބީރު ކުރައްވާ އެންމެހާ ޙިކުމަތްތަކެއް އެއިލާހު މި ނިކަމެތި އިންސާނުންނަކަށް ނައަންގަވައެވެ. އަދި ބުއްދީގެ ގޮތުން ބަލިކަށި ވުމާއި، އެއިލާހު އިންސާނުންނަށް ދެއްވާފައިވާ ޢިލްމުގެ މިންވަރު މަދުވުމާއެކު، އާލަމްތަކުގެ ވެރި އިލާހު ކަންކަން ތަދުބީރު ކުރައްވާ ޙިކުމަތްތަށް ފަހުމް ވުމުގެ ފުރިހަމަ ޤާބިލުކަމެއް އަހަރެމެންގެ ކިބައިގައެއް ނުވެއެވެ.

ﷲ ވަޙީ ކުރައްވާފައި ވަނީ (( وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا )) ‎﴿سورة الإسراء ٨٥﴾‏

މާނަ: “އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.”

އެހެންކަމުން އަހަރެމެން މުސްލިމުންނަށް ވަނީ އެއިލާހު ކަމަކަށް އަމުރު ކުރެއްވުމުން އެއަމުރަކަށް ފުރިހަމައަށް ތަބާވުމެވެ. އަޑުއަހާ ކިޔަމަންވުމެވެ.

ﷲ ވަޙީ ކުރައްވާފައި ވަނީ (( إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ )) ‎﴿سورة النور ٥١﴾

މާނަ: “އެއުރެންގެ މެދުގައި، ޙުކުމްކުރެއްވުމަށް اللَّه އާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.”

އަދިވެސް އެއިލާހު ވަޙީ ކުރައްވަނީ: (( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا )) ‎﴿سورة الأحزاب ٣٦﴾‏

މާނަ: “އަދި ﷲ އާއި، އެ އިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެ މީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”

އެހެންކަމުން އެއިލާހު އަމުރެއް ކުރެއްވުމުން ނުވަތަ ކަމެއް ނަހީ ކުރެއްވުމުން އެއަމުރެއް ކުރެއްވި ސަބަބާމެދު ނުވަތަ އެކަމެއް ނަހީ ކުރެއްވި ސަބަބާމެދު އެއިލާހާ ސުވާލު ކުރިމަތި ކުރުމަކީ އެއިލާހުގެ މަޚުލޫޤުންނާ ލާއިޤު ވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ އެއިލާހާމެދު އަދަބުވެރިކަން ވެސް ކުޑަ ވާ ކަމެކެވެ.

ﷲ ވަޙީ ކުރައްވާފައި ވަނީ: (( لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ )) ‎ ‎﴿سورة الأنبياء ٢٣﴾‏
މާނަ: “އެ އިލާހު ކުރައްވާ ކަމަކާމެދު، އެ އިލާހާ ސުވާލެއް ނުކުރެވޭހުއްޓެވެ. (އެބައިމީހުން ކުރާ ކަންތަކާމެދު) އެބައިމީހުންނާ ސުވާލުކުރައްވާނެތެވެ.”

އެއަށްފަހު އަޅުގަނޑުމެން ބުއްދީގެ ގޮތުން ވިސްނާލި ކަމުގައި ވީނަމަވެސް އެނގޭ ގޮތުގައި ހުރިހާ ޒަމާނެއްގައިވެސް ރަސްރަސްކަލުންނަކީ ޤަދަރާއި އިޚްތިރާމާއި ކުރެވުމާއެކު އަބަދުމެ ޘަނާ ކިޔޭ ބައެކެވެ. ރަސްކަލެއްގެ ދަރުބާރަށް ބަލާލި ކަމުގައި ވީނަމަވެސް އެދަރުބާރުގައިވާ އެންމެހާ ވަޒީރުންނާއި އިސް މީހުންނާއި ޚާދިމުން ވެސް ވާނީ ވަރަށް މަޑުމައިތިރި ކަމާއެކު އެވެ. އަދި މީގެއިން ވަޒީރެއްކަމުގައި ވީ ނަމަވެސް ނުވަތަ ރަސްގެފާނުގެ އަރިހުން ކަމަކަށް އެދި އަންނަ އާންމު މީހެއް ކަމުގައި ވީނަމަވެސް ރަސްގެފާނުގެ އަރިހަށް އަންނާނީ އިޙްތިރާމް އަދާކުރާ ޙާލު، މަޑުމައިތިރި ގޮތަކަށެވެ. އަދި އެއީ ކާފަރު ބައެއް ނަމަ އެތާގައި ރަސްގެފާނަށް ސަޖިދަ ޖަހައި އަޅުކަންކޮށް ވެސް ހަދާފާނެއެވެ. އަދި ރަސްގެފާނަށް ޘަނާ ކިޔައި ކުރުނީސްކޮށް ހަދާފައި މެނުވީ އެދޭ ކަމެއްގެ ވާހަކަ ރަސްގެފާނު ގާތަކު ނުކިޔާނެއެވެ.

އެހެން ކަމަށް ވާއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ މިދުނިޔޭގެ ރަސްކަލަކާ އަޅާވެސް ނުކިޔޭ އެންމެހާ ރަސްކަމެއްގެ ވެރި ރަސްވަންތަ އިލާހެވެ. އެއިލާހަކީ އަހަރެމެން ޚަލްޤު ކުރެއްވުމަށްފަހު އަހަރެމެންނަށް ރިޒުޤު ދެއްވައި، އަހަރެމެންގެ އެންމެހާ ކަމެއް އެންމެ މޮޅަށް ތަދުބީރު ކުރައްވާ އިލާހެވެ. ގިނަފަހަރަށް ސިކުނޑީގައި ހަރުލާފައިވާނީ ޙަޔާތުގައި މެދުވެރިވާ ދެރަ ކަންކަމެވެ. ނަމަވެސް ރަނގަޅަށް ހަނދާންކޮށް ވިސްނައިފި ނަމަ، ޙަޔާތުގައި ކިތަންމެ ހެޔޮކަމެއް މެދުވެރިވެފައިވާކަން އިނގޭނެއެވެ. އަދި ދެރަ ކަންކަމަށްވުރެ އެއިލާހު އަހަރެމެންނަށް ކޮށްދެއްވާފައިވާ ހެޔޮ ކަންކަން މާ ގިނަކަންވެސް އެނގޭނެއެވެ. އަދި އެއިލާހު އަހަރެމެންނަށް ދެއްވާ މި ނިޢުމްތައް ގުނާ ޢަދަދު ކުރަން އުޅެއްޖެ ނަމަ އެކަމެއްވެސް ނުވާނެއެވެ.

ﷲ ވަޙީ ކުރައްވާފައި ވަނީ (( وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ))‎ ‎ ‎﴿سورة ابراهيم ٣٤﴾
މާނަ: “ﷲގެ ނިއުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް އަދަދެއް ނުކުރެވޭހުއްޓެވެ.”[

ހަމަ އެހެންމެ އެއިލާހަކީ ފެށުމެއްނެތި އިސްވެ ވޮޑިގެންވާ އިލާހެވެ. އަދި ނިމުމެއްނެތި ފަސްވެ ވޮޑިގެންވާ އިލާހެވެ. ދާއިމަށް ޤާއިމްވެ ވޮޑިގެންވާ އިލާހެވެ. އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ. މިހެން ގޮސް ހުރިހާ ފުރިހަމަ ސިފައެއް އެއިލާހަށް ވެއެވެ. އެންމެހާ އުނި ސިފަތަކުން އެއިލާހު ވަނީ ހުސްޠާހިރުވެވޮޑިގެންނެވެ. އެއިލާހަކީ ޤިޔާމަތްދުވަހުގެ ވެސް ވެރި އިލާހެވެ. ސުވަރުގެއާއި ނަރަކައިގެ ވެސް ވެރި އިލާހެވެ.

އަޅުގަނޑުމެންނަށް އެއިލާހުގެ މަތިވެރިކަމާއި ކިބްރިޔާތްވަންތަކަން ތަސައްވަރު ވެސް ކޮށް ނުލެވޭނެއެވެ. أعوذ بالله، އިންސާނަކާމެދު ވިސްނާ މޭރުމުން އަހަރެމެން އެއިލާހާ މެދު ވިސްނައިގެން ނުވާނެއެވެ. އެއިލާހަށް އަޅުކަން ކުރަންވީ ކީއްވެތޯ އަހައި ކުރާ ސުވާލު ކުރެވޭ މައިގަނޑު ސަބަބަކީވެސް މިފަދަ ގޮތަކަށް އެއިލާހާމެދު ވިސްނައި، އެއިލާހުގެ މަތިވެރިކަމާއި ހައިބަތު އަހަރެމެން ވިސްނައި ނުގަންނާތީއެވެ. الله أكبر އޭ ބުނުމުން މިހުރިހައި ކަމަކާމެދު ވިސްނައި އެއިލާހުގެ މަތިވެރިކަން ހިތައް ގެނުވާށެވެ. ޒިކުރު މިކުރެވުނު ހުރިހާ ކަމަކުންވެސް އެނގިގެން މިދިޔައީ އެއިލާހަކީ އަޅުކަން ކުރުން ޙައްޤުވެގެންވާ އިލާހުކަމެވެ.

މިހުރިހާ ފުރިހަމަ ސިފަތަކެއް ލިބިގެންވާ ފަރާތަކަށް އަޅުކަން ކުރުން ޙައްޤު ނުވާނީ ކިހިނަކުންތޯއެވެ. އެއިލާހުގެ ރިޒުޤުން ކައިގެން ބޮއެގެން، ޙާޖަތައް ދާން ޖެހުމުން ކުޑަކަމުގޮސް، ބޮޑުކަމުގޮސް އުޅޭ ދުނިޔޭގެ ރަސްރަސްކަލުންނަށް ވެސް އެހެރަ ސަޖިދަ ޖަހަނީއެވެ. ޙަމްދާއި ޘަނާ ވެސް ކިޔަނީއެވެ. އެއީ ﷲ އާ އަޅާ ކިޔާ އިރު ޒިކުރު ވެސް ނުކުރެވޭހާ ކުޑަ ބައެކެވެ. އަޅާވެސް ނުކިޔޭހާ ނިކަމެތި ބައެކެވެ. އަދި އެއިލާހު ފިޔަވައި އަޅުކަން ކުރުން ޙައްޤުވެގެންވާ އެހެން ފަރާތެއްވެސް ނުވެއެވެ.

އަހަރެމެން ކިޔާ ޝަހާދަތުގެ ދެކަލިމައިގެ އެއްބައިގެ މާނައަކީ ވެސް މިއެވެ. ކޮންމެ މީހަކަށް ވެސް އިނގޭނޭ ފަދައިން މަތީގައި ޒިކުރު ކުރެވުނު ހުރިހާ ކަމަކާއެކު، އެއިލާހަށް އަޅުކަން ކުރުން ޙައްޤުވެގެން ވާ ހިނދު އެއިލާހަށް އަޅުކަން ނުކުރުމަކީ ނުވަތަ އެއިލާހާ އެކު ޝަރީކުންތަކެއް ކަނޑައެޅުމަކީ ނުވަތަ އެއިލާހުގެ ޝަރީޢަތާ ޚިލާފުވުމަކީ ބޮޑުވެގެންވާ ކުށެކެވެ. އެއީ އެކުށަކަށް އެންމެ ބޮޑު އަދަބެއް ކަނޑައެޅުން ޙައްޤު ވެގެންވާ އެންމެ ބޮޑު ކުށެވެ.

އެހެންކަމުން މި ކުށަށް އަރައިގަންނަ މީހުންނަށް އެއިލާހު އެންމެ ބޮޑުވެގެންވާ އަދަބުން އަދަބު ދެއްވައި އެފަދަ ފަރާތްތަކަކީ ނަރަކައިގެ އަހުލުވެރިން ކަމުގައި ލައްވައެވެ. ކާފިރުވީ މީހުންވަނީ ދާއިމަށް ނަރަކައިގައިކަން ކަށަވަރެވެ. ނަމަވެސް ތައުޙީދުގެ އަހުލުވެރިންގެ ތެރެއިން އެބައިމީހުންގެ އަމިއްލަ ނަފުސުތަކުން އިސްރާފުކޮށް އެއިލާހަށް އުރެދުމުގެ ސަބަބުން ނަރަކައިގައި ޢަޒާބު ދެވުން ޙައްޤުވެގެންވާ މީހުން ނަރަކައަށް ވެއްދެވުމަށްފަހުގައި ވެސް އެއިލާއު އެބައިމީހުންނަށް ޙައްޤުވެގެންވާ މިންވަރަށް އަޒާބު ދެވުމާއެކު އެބައިމީހުން ނަރަކައިން މިންޖު ކުރައްވާ ސުވަރުގެއަށް ވައްދަވާނެއެވެ.

ﷲ އިންސާނާ ޚަލްޤު ކުރައްވާފައި ވަނީ ޙައިވާނުންނާ ޚިލާފަށް ބުއްދި ކުރެވޭ މަޚުލޫޤެއްގެ ގޮތުގައެވެ. އަދި މަލާއިކަތުންނާ ޚިލާފަށް އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރެވޭ ބައެއްގެ ގޮތުގައެވެ. އަދި އެވަރުން އެއިލާހު ނިންމަވާލެއްވީއެއް ނޫނެވެ. ކޮންމެ ޒަމާނެއްގައިމެ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ރަސޫލުންނާއި ނަބީން ފޮނުއްވިއެވެ. ރަސޫލުންނާއި ނަބީންގެ އަދަދު ތިންލައްކައަށްވުރެ ގިނައެވެ.

އެންމެ ފަހުގެ ނަބިއްޔާ ކަމަށްވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަރީޢަތް ޤިޔާމަތާ ހަމައަށް ދެމިގެންދާނެ ގޮތުގައި ލެއްވިއެވެ. އަދި އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވަތުގެ ވާރިޘުން ކަމުގައި ޢިލްމުވެރިން ލައްވައި އެއިލާހުގެ ޝަރީޢަތުގެ އަޑު އަބަދުވެސް މިދުނިޔެމަތީގެ އެކި ހިސާބުތަކުގައި ގުގުމެވޭފަދަ ގޮތެއް ތަދުބީރު ކުރެއްވިއެވެ. އަދި “އަހުލުލް ފަތުރާ” ނުވަތަ އެބަޔަކާ ހަމައަށް އިސްލާމްދީނުގެ ދަޢުވަތު އެއްވެސް ވަރަކަށް ނުފޯރާ މީހުންނަށް އެއިލާހު ޢަޒާބެއް ނުދެއްވަވައެވެ. މިއާއެކު އެއިލާހު ވަނީ އިންސާނުންގެ މައްޗަށް ޙުއްޖަތް ޤާއިމް ކުރައްވާފައެވެ. މިހުރިހާ ކަމަކާއެކުވެސް އެއިލާހަށް އުރެދި، ކާފަރު ވާނަމަ، އެމީހަކަކީ އެންމެ ވަރުގަދަ ޢަޒާބަކުން އަޒާބު ޙައްޤުވެފައިވާ މީހެއްކަން ޔަޤީނެވެ.