ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހުންނަ ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)އަށް ޒިޔާރަތްކޮށް އެ ސެންޓަރަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި އެ ކައުންސިލްގެ ފަރާތުން އިއްޔެ ވަނީ ހދ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ އަށް ޒިޔާރަތްކޮށް އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ.
މި ޒިޔާރަތުގައި އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި އަދި ހިދުމަތް ރަނގަޅުކުރުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން އެ ސެންޓަރަށް ސިޓީ ކައުންސިލްގެ ފަރާތުން ކޮށްދެވިދާނެ ކަންކަމަކީކޮބައިކަން ދެނެގަނެ، ސިޓީ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއާއި ހިއްސާކުރަންޖެހޭ ކަންކަމަކީ ކޮބައިތޯވެސް އޮޅުން ފިލުވާފައި ވެއެވެ. އަދި މި ބައްދަލުވުމުގައި ވަނީ އެ ސިޓީގައި ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކުގައި ގުޅިގެން ކުރެވޭނެ ކަންކަމާގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ވަސީލަތްތަކާއި، މުވައްޒަފުންވެސް ބޭނުންވާކަން ފާހަގަވި ކަމަށެވެ. އެހެންކަމުން ޖެންޑާ މިނިސްޓްރީއާއި ގުޅިގެން އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރަށްވާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
މި ޒިޔާރަތުގައި އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީ މޭޔަރު މުޙައްމަދު އާތިފެވެ. މީގެ އިތުރުން މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ވެސް ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!