ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހެޔޮކަންކަން އޮޅުވާލެވޭވަރަށްވުރެ މާ ސާފުކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ.

އަހްމަދު ކުރެއްވި ޓްވީޓެއްގައި އެއީ ކޮންބަޔެއްކަން ވިދާޅުނުވެ، ވިދާޅުވެފައި ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭވާހަކަ ބުނެލާއިރަށް ބައެއް ބޭފުޅުން ވަރަށް ބޮޑަށް ހަގީގަށް އޮޅުވާލަން މަސައްކަތްކުރާ ކަމަށެވެ.

Ad
rt

ބަޔަކު އެގޮތަށް މަސައްކަތް ކުރި ކަމުގައިވިޔަސް މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހެޔޮކަންކަން އޮޅުވާލެވޭވަރަށްވުރެ މާ ސާފު ކަމަށް އަޙްމަދު ވިދާޅުވެފައެވެ.

އަޙްމަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ވަނީ ދެ ބަޔަށް ބައިވެފައެވެ. މިގޮތުން ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މި ސަރުކާރުގެ މަސައްކަތްތަކާމެދު ފާޅުގައި ފާޑު ކިޔަމުންނެވެ.

އަހްމަދަކީ ރައީސް ސާލިޙްގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާ އަކީ ރައީސް ޞާލިޙާއި ސަރުކާރުގެ ދިފާޢުގައި ވަކާލާތު ކުރައްވަމުންގެންދަވާ މެންބަރެކެވެ.

ރައީސް ޞާލިޙް ސިފަކުރައްވަމުން އަހްމަދު ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙަކީ، ސިޔާސީ ހަލަބޮލިކަމާއި، ޒާތީ ހަސަދައިގެ ތެރޭގައި ކެތްތެރިކަން އިސްކުރަށްވައި، ކެތްތެރިކަމާއެކު ކުރިއަށްވަޑައިގަންނަވާ ލީޑަރެއް ކަމަށެވެ. އަދި އެފަދަ ދެވަނަ ލީޑަރެއް ނެތް ކަމަށާއި، 2023 އަށް އެންމެ ރަނގަޅު ޗޮއިސްއަކީ ވެސް ރައީސް ޞާލިޙް ކަމަށް އަޙްމަދު ވިދާޅުވެފަވެއެވެ.