ނޮޅިވަރަމް ސުކޫލުގައި އަލަށް އިމާރާތް ކޮށްފައިވާ ހަ ކުލާސް ރޫމަށް ބޭނުންވާ އެންމެހާ ފަރުނީޗަރު އެ ރަށަށް ފޮނުވުމަށްޓަކައި މިހާރު ބޯޓަށް އަރުވާފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމި، އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރިތާ ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެ ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތައް ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ ދާދި ފަހުން އެ ރަށު ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުން ސޯސަލް މީޑިއާގައި ފާޅުކޮށްފައެވެ.

Ad
rt

"ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވެފައި ވަނީ އެ ސްކޫލުގައި އިމާރާތްކޮށް ނިންމާފައިވާ ހަ ކުލާސް ރޫމް ދިރާސީ އައު އަހަރު ފެށެންވާއިރަށް، އެތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން އަބަދުވެސް މިނިސްޓްރީން ދެއްވަމުން އައިސްފައިވާ ކަމަށާއި، މިއަދު އެކަން ހަޤީޤަތަކަށް ވުމުން ވަރަށް އުފާކުރާކަމަށެވެ.

އަދުނާން އިތުރަށް ވިދާޅުވެފައި ވަނީ އުންމީދަކީ މާ ލަސްތަކެއްނުވެ ނޮޅިވަރަމް ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ވެގެން ދިޔުން ކަމަށާއި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ވެސް އަވަސް މުސަތަގުބަލެއްގައި ހަމަޖެހިގެން ދިޔުމަކީ ނޮޅިވަރަމްގެ ކުދިބޮޑު އެންމެންގެ ވެސް އުންމީދު ކަމަށެވެ.

ދިރާސީ އައު އަހަރު ފެށެންވާއިރަށް އައު ހަ ކުލާސް ރޫމުގައި ކިޔެވުން ކުރިއަށް ގެންދެވޭނޭ އިންތިޒާމް ހަމަޖައްސަވައި ދެއްވިކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓަރަށާއި އެ މިނިސްޓްރީގެ ހީވާގި މުވައްޒަފުންނަށް އަދުނާން ވަނީ ޝުކުރު އަދާކޮށްފައެވެ.

މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް

ދެ ދަންފަޅިއަށް ކިޔަވައިދޭ އެ ސުކޫލުގައި، މީގެ ކުރިން މެންދުރުފަހު ހަތަރު ގްރޭޑެއް އަދި ހެނދުނު ދަންފަޅިގައި 6 ގްރޭޑެއް ހާޟިރުކޮށް ކިޔަވައިދެމުންދިޔަ ނަމަވެސް، މި ފެށޭ ދިރާސީ އަހަރަށް ސުކޫލުން ތައްޔާރުވެފައިވަނީ 6 ކުލާސްރޫމު ބޭނުންކޮށްގެން ހެނދުނު ދަންފަޅިއަށް އަށް ގްރޭޑެއް ހާޟިރުކޮށްގެން ކިޔަވައިދިނުމަށެވެ.

650 ކުދިންގެ އާބާދީއެއް އޮންނަ ނޮޅިވަރަމު ސުކޫލުގައި، ސައިންސް ލެބެއް ނުހުރެއެވެ. ކައުންސިލަރެއް އަދި ހެލްތް އެސިސްޓެންޓެއް ނުހުރެއެވެ. ނޮޅިވަރަމް ސްކޫލް އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް އަދިވެސް 12 ކުލާސް ރޫމް ބޭނުންވެއެވެ.