ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ހދ. ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އާއި ހަވާލުކުރިތާ ގާތްގަނޑަކަށް ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތު ވެފަ އެވެ. ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތަކުގެ ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނޮޅިވަރަމު ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވެފައި ވަނީ އަލަށް އިމާރާތް ކުރެވިފައިވާ 6 ކުލާސް ރޫމްގެ މައިގަނޑު ހުރިހާ މަސައްކަތެއްނިމި މިނިސްޓްރީއާއި ހަވާލުކުރިތާ ހަމަސް ދުވަސް ފާއިތުވެފައިވާ ކަމަށެވެ.

އަދުނާން އިތުރަށް ވިދާޅުވެފައި ވަނީ ކުލާސްރޫމްތަކުގައި ކިޔަވައިދޭން ފެށުމަށް މިހާރު މަދުވަނީ މޭޒާއި ގޮނޑިކަމަށާއި އެ ތަކެތި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީން ދެއްވާފައިވާތީ އެ އުންމީދުގައި ހުންނެވިކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވެފައިވަނީ އަތޮޅުތެރޭގެ ނިސްބަތުން ނޮޅިވަރަމް ސްކޫލަކީ ދަރިވަރުން ގިނަ ސްކޫލެއް ކަމަށެވެ. ނޮޅިވަރަމް ސްކޫލް އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް އަދިވެސް 12 ކުލާސް ރޫމް ބޭނުންވާ ކަމުގައި ޕްރިންސިޕަލް ވަނީ ފާހަގަ ކުރައްވާފައެވެ.

މަޢުލޫމާތު ލިބިފައިބާ ގޮތުގައި ދިރާސީ އައު އަހަރު ފެށެންވާއިރު އެ ކުލާސް ރޫމްތައް ބޭނުންކުރަން ނުފެށިދާނެ ކަމުގެ ކަންބޮޑުވުން އެ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން މުދައްރިސުންގެ މެދުގައި ވަރަށް ބޮޑަށް އެބައޮތެވެ.

ހޮނިހިރު ދުވަހުގެ ރޭ އެރަށު ކައުންސިލުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި ބެލެނިވެރިޔަކު ވަނީ، 6 ކުލާސްރޫމު ބޭނުން ނުކުރެވި ގިނަދުވަސްތަކެއް ފާއިތުވެ، އަނެއްކާވެސް ކިޔެވުން ފެށޭއިރު ވެސް "މިހެން ހަމަ ތިބެންވީ ތޯ" ސުވާލު އުފައްދާފައެވެ. މި ނޫން ގޮތަކަށް އުޅެން ވެއްޖެކަމަށް ބުނެ ޝުޢޫރު ފާޅުކޮށްފައެވެ.

ނަން ހާމަކުރަން ބޭނުންނުވާ، ސުކޫލުގެ އަންހެން މުދައްރިސަކު ބުނީ، އިތުރު 6 ކުލާސްރޫމާއެކު ކިޔެވުން ފެށޭނެކަމަށް އުންމީދުކޮށް ހިތްހަމަ ޖެހިގެން ހުރި ކަމަށެވެ. ނަމަވެސް އަނެއްކާވެސް ކުރީގެ ގޮތަށް ދަންފަޅިތައް ބަދަލުކުރަން ޖެހިދާނެތީ ވަރަށް ބޮޑަށް މާޔޫސްކަން އިހްސާސްކުރެވޭ ކަމަށެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ އެސުކޫލުގައި، މީގެ ކުރިން މެންދުރުފަހު ހަތަރު ގްރޭޑެއް އަދި ހެނދުނު ދަންފަޅިގައި 6 ގްރޭޑެއް ހާޟިރުކޮށް ކިޔަވައިދެމުންދިޔަ ނަމަވެސް، މި ފެށޭ ދިރާސީ އަހަރަށް ސުކޫލުން ތައްޔާރުވެފައިވަނީ 6 ކުލާސްރޫމު ބޭނުންކޮށްގެން ހެނދުނު ދަންފަޅިއަށް ގްރޭޑެއް ހާޟިރުކޮށްގެން ކިޔަވައިދިނުމަށެވެ.

650 ކުދިންގެ އާބާދީއެއް އޮންނަ ނޮޅިވަރަމު ސުކޫލުގައި، ސައިންސް ލެބެއް ނުހުރެއެވެ. ކައުންސިލަރެއް އަދި ހެލްތް އެސިސްޓެންޓެއް ނުހުރެއެވެ.

ހދ. އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަނީ ނޮޅިވަރަމުގައެވެ.

އަލަށް އިތުރުކުރެވުނު 6 ކުލާސް ރޫމްގެ މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.