މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު)ގެ ޕާސްޕޯޓު ސިވިލް ކޯޓުން ހިފަހައްޓާފައި ވަނީ ރަގަޅަށް ކަމަށް ހައިކޯޓުން ވެސް ނިންމައިފިއެވެ.

ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

Ad
rt

ސިޔާމްގެ އިތުރުން، ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް ކުރި އެ އަމުރުގައި އަންގާފައިވެ އެވެ.

މި މައްސަލަ ސިޔާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއާނާފް ކުރުމުން އެ ކޯޓުން އިއްވި ހުކުމުގައި ވަނީ ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ފިޔަވަޅު ސިވިލް ކޯޓުން އަޅާފައިވަނީ އެ ކޯޓުން ކޮށްފައިވާ ހުކުމުގެ ފައިސާ ސިޔާމް ނުދެއްކެވުމުން އެ ނޫން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށެވެ.

އަދި ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގަވެއެވެ.

ރާއްޖޭގައި ހަތަރު ރިސޯޓެއް ސިޔާމްގެ ކުންފުނިން ހިންގައެވެ. އަދި އޭނާ އަކީ އަންނަ ރިޔާސީ ރޭހުގައި ވެސް ވާދަ ކުރައްވާނެ ކަމަށް ޢިއުލާން ކުރަށްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ އެމްޑީއޭގެ ލީޑަރެވެ.