މިހާރު އަހަންނަކީ ރިޗްމޮނޮޑުގައި ދިރިއުޅޭ މުސްލިމެކެވެ. މިދިޔައަހަރުގެ ކުރިން އަހަންނާ ދުވަހަކުވެސް މުސްލިމަކާ ބައްދަލުވެފައެއް ނުވެއެވެ. އަދި އަހަރެން ދިރިއުޅޭ ސިޓީގައި އިސްލާމީ މަރުކަޒެއް އިންނަކަން ވެސް އަހަންނަށް އޭގެ ކުރިން އެނގިފައެއް ނުވެއެވެ. ކޮންމެއަކަސް އެދުވަސްވަރަކީ އިސްލާމް ދީނުގެ މަޢުލޫމާތުތައް ހޯދުމަށް އަހަރެން ވަރަށް ޝަޢުޤުވެރި ވެފައިވާ ދުވަސް ވަރެކެވެ. އެހެން ނަމަވެސް މިދީނާ ބެހޭ ގޮތުން ކިޔާނެއެއްޗެއް އަހަންނަކަށް ނުފެނުނެވެ.
އެކިއެކި އެންސިކްލޮޕީޑިއާ ތަކާއި ފޮތްތައް އަހަރެން ކީމެވެ. ނަމަވެސް އެހުރިހާ އެއްޗެއް ވެސް ލިޔެފައި ވަނީ ޣައިރު މުސްލިމުންނެވެ. އެތަކެތީގައި ވާ ގޮތުން މުޙައްމަދު ނަމަކަށް ކިޔުނު މީހަކު ހަތް ވަނަ ޤަރުނުގެ ތެރޭގައި ޤުރްއާނޭ ކިޔުނު އެއްޗެއް ލިޔުނީއެވެ. އަދި މުސްލިމުން އަޅުކަން ކުރަނީ ގެފުޅުގައިވާ ކަޅު ކުލައިގެ ހިލައަކަށެވެ. އަދި އިސްލާމްދީނަކީ އަންހެނުންނާ މެދު ނަފުރަތު އުފައްދާ ދީނެއްކަމުގައި މިފޮތްތަކުން އަހަންނަށް ފަހުމް ވެގެން ދިޔައެވެ.
ހަމައެހެންމެ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ބައިބަލް ކޮޕީކުރި ކަމަށާއި، މުސްލިމުން ދީން ފެތުރީ އެއް އަތުގައި ޤުރްއާން އަދި އަނެއް އަތުން ކަނޑި ހިފައިގެން ކަމުގައި މި ފޮތްތަކުން ވިސްނައިދެއެވެ. އަދި ހުރިހާ މުސްލިމުންނަކީ ވެސް ޢަރަބިން ކަމުގައި އެތަކެތީގައި އިޝާރާތް ކޮށްފައި ވެއެވެ. އަދި އޭގެއިން އެއް ފޮތުވައި ވާ ގޮތުން ނަމަ “ﷲ” މި ލަފުޒު ނެގިފައި ވަނީ “އައްލާތު” އިންނެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބިން އަޅުކަން ކުރަމުން ދިޔަ ބުދުތަކުގެ ތެރެއިން ބުދެކެވެ. މިއީ އިސްލާމް ދީނާ މެދު އަހަރެންނަށް ލިބުނު ނުރަނގަޅު މަޢުލޫމާތުތަކުގެ ތެރެއިން މިންވަރެކެވެ.
ދުވަސްތައް ފާއިތުވަމުންގޮސް، އެއްދުވަހަކު އަހަރެންގެ ކޮލެޖަށް ޙިޖާބު އަޅައިގެން ތިބި ޕާކިސްތާނު ދެކުއްޖަކު އައެވެ. އަހަރެން އެދެމީހުންނާ ރަޙުމަތްތެރިވެ، އިސްލާމް ދީނާ ގުޅޭ އެކިއެކި ސުވާލުތައް އެކުދިންނާ ކުރީމެވެ. އަހަރެންގެ އުމުރުން 12 އަހަރުގައި އަހަރެން ނަޞާރާ ދީން ދޫކޮށްފައި ވުމުގެ ސަބަބުން ދީނާ މެދު އަހަރެންގެ ޤަބޫލުކުރުން ތައް ހުންނަ ގޮތްތަކާ މެދު އަހަރެންގެ މާބޮޑު ފަރުވާލެއް ނެތެވެ. އަހަންނަކީ ބައޮލޮޖީ ކިޔަވާ ދަރިވަރަކަށް ވެފައި އަހަރެން މީ އެއްވެސް ދީނެއް ޤަބޫލު ކުރާ މީހެއް ނޫނެވެ. އެދެމީހުނެގެ ކިބައިން އެނގުނު މަޢުލޫމާތު ތަކުން އަހަރެން މުޅިން ހައިރާން ކޮށްލިއެވެ. އަހަންނަށް އެނގުނު ގޮތުގައި އަހަންނަށް ކުރިން އިސްލާމްދީނާ މެދު އެނގިފައިވަނީ މުޅިންވެސް ނުބައި މަޢުލޫމާތު ތަކެކެވެ.
ހޫނު މޫސުން އައުމާއެކު އަހަރެން އަހަރެންގެ ރަށަށް ޗުއްޓީއަކަށް އައީމެވެ. އަދި ހެނދުނު ހަތަކުން އެގާރައަށް ފިހާރައެއްގައި އަހަރެން ވަޒީފާއެއް އަދާކުރަން ފެށީމެވެ. އަހަރެން އެތާގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް ކަޅު ނަސްލުގެ ޙިޖާބު އެޅި އަންހެނަކާ އަހަންނާ ބައްދަލުވިއެވެ. އޭނާ އަޅުކަން ކުރަނީ ކޮންތާކު ތޯ އޭނާ ކުރެން އަހަރެން އެހީމެވެ. ޖަވާބުގައި އޭނާ ބުނީ، އެމަގުގެ އަނެއް ފަރާތުގައި އިސްލާމީ މަރުކަޒެއް ވާ ވާހަކައެވެ. އަދި އޭނާ އެތާގައި މަސައްކަތް ކުރާ ވާހަކަ އަހަރެން ގާތުގައި ބުންޏެވެ.
އޭގެ އަނެއްދުވަހު އަހަރެން އެ އިސްލާމީ މަރުކަޒަށް ދިޔައީމެވެ. ނަމަވެސް އަހަންނަށް އެތާކުން އެއްވެސް މީހެއް ނުފެނުނެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު އަހަރެން އެތަނަށް ދިޔައީމެވެ. އެއީ ހުކުރު ދުވަހެކެވެ. އަދި އެދުވަހު އެތަނުގައި މީހުން އުޅޭތަން އަހަންނަށް ފެނުނެވެ. އޭގެއިން މީހަކު އަހަރެން ގާތުގައި ޖެހިގެން އަންނަ ހަފްތާގެ ހުކުރު ދުވަހު މެންދުރަށް އެތަނަށް އައުމަށް ބުންނެވެ. އަދި އޭރުން އަންހެން ފަރާތްތަކާ ބައްދަލުވާނެ ވާހަކަވެސް ބުންޏެވެ. އޭނާ “މެންދުރު” މާނަ ކުރީ މެންދުރު ނަމާދަށެވެ. (ހުކުރު ނަމާދަށެވެ.) ނަމަވެސް އަހަރެން ހީކުރީ އޭނާ މެންދުރޭ އެމާނަކުރީ 12 ޖަހާއިރަށް ކަމަށެވެ. ކޮންމެއަކަސް އެދުވަހުގެ މެންދުރު ބާރަ ޖަހަންވާއިރަށް އަހަރެން އެތަނަށް ދިޔައީމެވެ.
ނަމަވެސް އަހަންނަށް އެތަނުން އެއްވެސް މީހަކު ނުފެނުނެވެ. سبحان الله! އެތާގައި މީހަކު ނެތް ކަމުގައި ވީނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ އެތާގައި މަޑުކުރުމަށް އަހަރެން ބޭނުންވިއެވެ. އެހެންވެ އަހަރެން އެތާގައި މަޑު ކުރީމެވެ. ދޮޅުގަޑިއިރު ފަހުން ބައެއް މީހުން ފެންނަން ފެށިއެވެ. ހުކުރު ނަމާދު ވަގުތަކީ މެންދުރުން އަނބުރާ ދޭއް ޖަހާއިރު ކަމަށް ވާތީ އެވަގުތު އެތަނަށް މީހުން އަންނަން ފެށީއެވެ. އަދި އެތަނަށް އައި އަންހެނަކު އަހަންނަށް މައުރީސް ބިއުކައި ގެ “ބައިބަލް، ޤުރްއާން އަދި ސައިންސް” މިފޮތް ކިޔާލަން ދިނެވެ. މިފޮތް ކިޔާލުމާއެކު އަހަރެން މުސްލިމަކަށް ވާން ބޭނުންވާކަން އަހަންނަށް ކަށަވަރުވެގެން ދިޔައެވެ. އަހަންނަކީ ބަޔޮލޮޖީ ކިޔަވާ ދަރިވަރެކެވެ. އެއާއެކު ޤުރްއާނުގައިވާ ބައޮލޮޖީގެ ޙަޤީޤަތްތަކާ މެދު ވިސްނާ ފިކުރުކޮށްލުމުން، މިފޮތަކީ ﷲގެ ޙަޟްރަތުން އައި ފޮތެއްކަން އަހަންނަށް ޔަޤީން ވެގެން ދިޔައެވެ. އަދި ސައިންސުގެ ތަޢުލީމު އުނގެނިފައި ނުވާ، ލިޔަން އަދި ކިޔަން ނުދަންނަ މީހަކު ލިޔެފައިވާ ފޮތެއް ނޫންކަން އަހަންނަށް ކަށަވަރު ވެގެން ދިޔައެވެ.
އޭގެ އަނެއް ހަފުތާގައި އަހަރެން އެތަނަށް ގޮސް ޝަހާދަތް ކިޔައި މުސްލިމަކަށް ވީމެވެ. މިކަން އަހަރެންގެ ބައްޕައަށް އެނގުމުން، ރުޅިގަދަވެ އަހަރެން އުޅޭ އެޕާރޓްމަންޓަށް އައިސް އެތާ ހުރި ހުރިހާ އެއްޗެއް ވީދައި ހަލާކު ކުރަން ފެށިއެވެ. އަހަރެންގެ މުޞްޙަފް ވެސް ވީދާލިއެވެ. އެކަމާ އަހަރެން ޕޮލިހަށް ގުޅުމުން އެމީހުން އައިސްވެސް އެކަން ހުއްޓުވާކަށް ނޫޅުނެވެ. ބަދަލުގައި އަހަންނާ ދިމާލަށް ބުނީ: “ބައްޕަ އެކިޔަނީ ރަނގަޅު ވާހަކައެއް ނޫންތަ؟” މިފަދައިންނެވެ. އެހެންވެ އަހަރެން އެސިޓީ ދޫކޮށް ނަޝްވިލް އަށް ބަދަލުވީމެވެ.
ބައްޕަ އެފަދައިން ކަންތައް ކުރި ނަމަވެސް އަހަރެން އަބަދުވެސް ބައްޕައާ ވާހަކަ ދައްކަމެވެ. ސަބަބަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވިޔަސް، މައިންބަފައިންނަށް ކަމޭހިތުމަށް ޤުރްއާނުގައި އަންގަވާފައި ވާތީއެވެ. އެތައް ދުވަހަކަށް ފަހު މި އަހަރުގެ ހޫނު މޫސުމުގައި އަހަންނަށް އަހަރެންގެ ބައްޕައާ ދިމާވިއެވެ. މިހާރު ދެން އަހަރެން އިތުރަށް ބުލީ ނުކުރެވޭނެކަން އެނގުމުން، މާ ބޮޑުކަމަކަށް ނަހަދާ ބައްޕަ އަހަރެން ގެ އިސްލާމްކަން ބަލައިގެންފިއެވެ.
ތަރުޖަމާ ކުރެވިފައިވާ މި ވާހަކައިގެ އަސްލު ނެގިފައިވަނީ ކޮންވޭއިން އިސްލާމިކް ނޮލެޖްގެ ސްޓޯރީސް އޮފް ނިއު މުސްލިމްސް އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!