ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިން ކަމަށެވެ. މައިންބަފައިންނާއި ބެލެނިވެރިންނާއި ބަލަދުވެރިންނަކީ، ޢިލްމުވެރިން ކަމަށްނުވިޔަސް، އެމީހުންގެ ދަރިން ޢިލްމުވެރިވެ މޮޅުވެގެން ހިނގައިދާނެކަމަށް ވިދާޅުވިއެވެ. އަދި ކެރިކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް، ދަރިންނަށް އެ ފުރުޞަތު ލިބުމަށް ނޭދޭ ހަމަ އެއްވެސް ރައްޔިތަކު ނުހުންނަކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މި ދެންނެވި ބޭނުމާއި މުހުތާދު އޮންނަކަން ދެނެގަނެ، ޤައުމުގެ ސިޔާސަތު އޭގެ މައްޗަށް ބިނާކުރުމަކީ ސަރުކާރުތަކުން ކުރަންޖެހޭނެ ކަމެއް. އެ ސަބަބަށްޓަކައި ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް." ރައީސް ވިދާޅުވިއެވެ.

މިގޮތުން އިބްތިދާއީ ތަޢުލީމުގެ މަރުޙަލާތައް ފުރިހަމަކުރެވޭނެ ފުރުޞަތު ހަމަހަމަކަމާއެކު އޮންނަންޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އެ ކުއްޖަކު ދިރިއުޅޭ ރަށަކުން ތަޢުލީމު ޙާޞިލްކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައިކަން ވެސް ފާހަގަ ކުރެއްވިއެވެ.

"އެކަމަށްޓަކައި ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތުނުވާނެ މަރުޙަލާއަކަށް މިވަނީ އާދެވިފައި. އެ އިންތިޒާމުގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ ކަންކަން މި ސަރުކާރުންވާނީ ހަމަޖައްސާފައި. އިބްތިދާއީ މަރުޙަލާގެ ތަޢުލީމު މުޅި ރާއްޖޭގައި މިވަނީ މި ދެންނެވި މަގުން ތަނަވަސް ކުރެވިފައި. އެއަށްފަހު ދެން އޮންނާނީ ސާނަވީ މަރުޙަލާ. މިކަމަށްޓަކައި މި ސަރުކާރުންވަނީ 7 ރަށެއްގައި އަލަށް ސާނަވީ ތަޢުލީމު ފަށާފައި. އަދި އެއާއެކު 3 ރަށެއްގައި އަލަށް މަތީ ސާނަވީ ތަޢުލީމު ވަނީ ފަށާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް، ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށެވެ. މިގޮތުން ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިއްޖެ ކަމަށާއި، ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. އަދި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.