ޤުރްއާނަކީ އަހަރެމެންގެ ވެރި ރައްބުގެ ކަލާމްފުޅެވެ. އެއީ މިދުނިޔެމަތީގައިވާ އެންމެ ތެދު ފޮތެވެ. އަދި އެއީ އޭގެ ޒާތުގަވެސް މުޢުޖިޒާތެކެވެ.
އެ ޤުރްއާނުގައި، އެޤުރްއާން އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު އަހަރެމެންގެ އުއްމިއްޔަ ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް އެދުވަސްވަރުގެ ޙާލަތް އޮތްގޮތުން އެނގުން މުސްތަޙީލު މާޒީގެ އެތައް ވާހަކަ ތަކެއް ވެއެވެ. އަދި މުސްތަޤުބަލުގައި ވާނޭ އެތައް ކަމެއްގެ ވާހަކަ އެޤުރްއާނުގައި ވެއެވެ. އަދި އޭގެ ތެރެއިން އެތައް ކަމެއް މިއަދު ވަނީ ވެ، މާޒީއަށް ބަދަލުވެގެން ގޮސްފައެވެ.
އެއީ ދުނިޔޭގެ ތާރީޚު ދެކެފައި ނުވާ ވަރަށް ބަސްމޮށުންތެރިކަމަށް މޮޅު ވެފައިވާ ބައެއްކަމަށްވާ ޢަރަބިންނަށް އެމީހުންގެ ބަހުން ގޮންޖަހައިލި ބަލާޣާތްތެރި އަދި އެހާމެ ފަޞާޙާތްތެރި ބަހުގެ ގޮތުން ބެލިޔަސް މުޢުޖިޒާތެކެވެ. އަދި މީލާދި ގޮތުން ހަތް ވަނަ ޤަރުނުގައި އުޅުނު ބަޔަކަށް އެނގުން މުސްތަޙީލު ޢިލްމީ އެތައް ވާހަކަތަކެއް އެޤުރްއާނުގައި ވެއެވެ.
މިއަދުގެ ޣައިރު މުސްލިމު ޑޮކްޓަރުންނާއި ސައިންސުވެރިންނާއި މިނޫންވެސް އެކި ދާއިރާތަކުގެ ޢިލްމީ ފަރާތްތައް، މިއާޔަތްތައް ދިރާސާ ކުރުމަށްފަހުގައި ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އިސްލާމް ދީނަށް ވަދެފައިވެސް އެބަހުއްޓެވެ. ކޮންމެއަކަސް މިއީ އެތައްގޮތަކުން އަޖާއިބު ކުރަނިވި ފޮތެކެވެ.
އެހެންނަމަވެސް ޤުރްއާނަކީ “ސައިންސު ޓެކްސްޓް ފޮތެއް” ނޫނެވެ. އެހެން ކަމުން ޤުރްއަނުގައި ވާ އާޔަތްތަކަކީ ސައިންޓިފިކް ޓާމްސް ތަކުންވާ އާޔަތްތަކަކަށް ނުވާނެއެވެ. އަދި އެގޮތަށް ވާނެ ކަމަށް އަހަރެމެން ދެކިގެންވެސް ނުވާނެއެވެ. ހަމަ އެހެންމެ، ސައިންސާއި ޓެކްނޮލޮޖީގެ މިންވަރެއްވެސް ނެތް ޒަމާނެއްގައި ބާވައިލެއްވުނު ކީރިތި ޤުރްއަނުގެ މޫރިތި އާޔަތްތަކުގައި، ދަރިފުޅު މައިމީހާގެ ބަނޑުގައި ބޮޑުވާ ގޮތްތައް ފަދަ ސައިންސުވެރިންނަށް ދާދި އިހަކަށް ދުވަހަކާ ޖެހެންދެން ނޭގި އޮތް އެތައް ޢިލްމީ ޙަޤީޤަތްތަކަކަށް އިޝާރާތް ކުރެވިފައި ވުމަކީ ޤުރްއާނުގެ ތެދުކަމާއި، އޭގެ އިޢުޖާޒު ހާމަ ވާ ކަމެކެވެ.
ކަން މިހެން އޮތްކަމުގައި ވީ ނަމަވެސް ވަކި ސައިންޓިފިކް ތިއަރީއެއް ނަންކޮށްފައި ޤުރްއާނުގައި މި ތިއަރީގެ ވާހަކަ މީގެ 14 ޤަރުނު ކުރިން މިވެނި އާޔަތެއްގައި ވެޔޭ ބުނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި ފަހަރުގައި ވަރަށް ނުރައްކާތެރި ކަމަކަށްވެސް ވެދާނެއެވެ.
ސައިންސަކީ އަބަދުވެސް ބަދަލުވާ އެއްޗަކަށް ވެފައި، މިއަދު ސައިންސުވެރިން ޤަބޫލުކޮށް އެއަށް މަރުދީ އުޅުނު ކަމެއް، މާދަމާ އެއީ މުޅިން ފުލޯކު ވާހަކަ އަކަށްވެސް ވެދާނެއެވެ. ކިތަންމެ ކަމެއް އެހެން ވެފައި ވެސް އެބަހުއްޓެވެ.
މިސާލަކަށް “ބިގް-ބޭންގް” ތިއަރީގެ ވާހަކައަށް ބަލާލަމާ ހިނގާށެވެ. ބިގް-ބޭންގް ތިއަރީ ވުޖޫދަށް އައުމުގެ ކުރިން ސައިންސުގެ ދުނިޔޭގައި ޤަބޫލުކުރެވިފައި ވާ، ކައުނުގެ ޙަޤީޤަތާބެހޭ އެއްޗަކީ “ސްޓެޓިކް ޔުނިވާސް ތިއަރީ” އޭ ކިޔުނު އެއްޗެކެވެ. ކުރުކޮށް ބުނާނަމަ، އޭގައި ވާގޮތުން ކައުނަކަށް ފެށުމެއް އަދި ނިމުމެއްވެސް ނުވެއެވެ. ކައުނަކީ ފުޅާވުމެއް ވާ އެއްޗެއް ވެސް ނޫނެވެ. ކައުނު އެވާގޮތުގައި އަބަދުވެސް ވެއެވެ.
މިއަދުގެ ސައިންސުވެރިއެއް ކައިރީގައި މިއީ ތެދެކޭ ބުނެފިނަމަ ހިނިގަނޑު ފަޅައިގެން ދާނެކަން ޔަގީނެވެ. އަދި އެހެން ބުނި މީހަކީ އެއްވެސް އެއްޗެއް ނޭގޭ މޮޔައަކަށްވެސް ހަދާފާނެއެވެ. ނަމަވެސް މީލާދި ގޮތުން އޮނަވިހި ސަތޭކަ އޮނަތިރީސް ވަނަ އަހަރު، ހޯދިގެން ދިޔަ އާ ހޯދުމަކުން މި ތިއަރީ ބަލިކަށިވާން ފެށިއެވެ. އެ ހޯދުމަކީ އެއް މަޑިކިލަނބު އަނެއް މަޑިކިލަނބާ ދުރަށް ދާކަން ފާހަގަވެގެން ދިޔަ ތާރީޚީ ހޯދުމެވެ. އަދި މިހޯދުމުން ސައިންސުވެރިންނަށް ފާހަގަ ވެގެން ދިޔަ ކަމަކީ ކައުނު، އެއޮތް ގޮތަށް އޮތުމުގެ ބަދަލުގައި ފުޅާވަމުން ދާ ކަމެވެ.
މިއާއެކު ކައުނުގެ ޙަޤީޤަތާމެދު ދެކެވެމުން އައި ގޮތް ބަދަލުވެ، މީލާދީ ގޮތުން އޮނަވިހި ސަތޭކަ އެއްތިރީސް ވަނަ އަހަރު، “ދަ ބިގް ބޭންގް ތިއަރީ” ވުޖޫދުވެގެން އައެވެ. މިއަދު، އަނެއްކާވެސް މިބާބުގައި އިތުރު އެކި ގޮތް ގޮތަށް ވާހަކަ ދެކެވެމުން އައި ނަމަވެސް އަދިވެސް ސައިންސުގެ ދުނިޔޭގައި އެންމެ ބޮޑަށް ބަލައިގެންފައިވާ ކައުނުގެ ޙަޤީޤަތާ ބެހޭ ތިއަރީ އަކީ މިއީއެވެ.
ދެން ފާހަގަވެގެން އައި ކަމަކީ ބައެއް މީހުން، މި ބިގް-ބޭންގް ތިއަރީގެ ވާހަކަ ޤުރްއާނުގަ އޮތް ވާހަކަ ބުނަމުން އައި ކަމެވެ. ތެދެކެވެ. މި ތިއަރީގައި ވާ ބައެއް ކަންކަމަށް “ނުސީދާ ކޮށް” އިޝާރާތް ކުރާ ވާހަކަތަކެއް ޤުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ ތިރީސް ވަނަ އާޔަތުގައި ވެއެވެ. ނަމަވެސް އެހެނޭ ކިޔާފައި، ޤުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ ތިރީސް ވަނަ އާޔަތުގައި ދަ ބިގް ބޭންގް ތިއަރީގެ ވާހަކަ އެބަ އޮތޭ ބުނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި މިފަދައިން ކިޔައިގެން ވާހަކަދެއްކުމަކީ އިސްލާމް ދީނުގެ ދަޢުވަތަށް ނުރައްކާ ކޮށްފާނެ ކަމަކަށްވެސް ވެދާނެއެވެ.
ސަބަބަކީ މިއަދު ސައިންސުވެރިން ބިގް-ބޭންގް ތިއަރީ އަކީ ކައުނުގެ ޙަޤީޤަތް ކިޔައިދޭ އަސްލު ކަމުގައި ބުނި ކަމުގައި ވީނަމަވެސް މާދަމާ އެތިއަރީ ބޮލާ ޖަހައި މުޅިން ތަފާތު އެހެން ތިއަރީއެއް ނެރެ، މިއާ ތިއަރީއަކީ ޙަޤީޤަތް ކަމުގައި ބުނެފާނެއެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ. މިއޮށް ހާ ދުވަހު ސައިންސުވެރިން ބިގް-ބޭންގު ތިއަރީ އަކީ ރަނގަޅު ތިއަރީ އޭ "ކިޔާތީ" އަހަރެމެން ޤުރްއާން "މޮޅު ކުރަންވެގެން" ކިޔަމުން މިދިޔައީ، ޤުރްއާނުގެ މިވެނި ސޫރަތެއްގެ މިވެނި އާޔަތެއްގައި ބިގް-ބޭންގް ތިއަރީގެ ވާހަކަ އެބަ އޮތޭއެވެ.
ދެން ސައިންސުވެރިން މާދަމާ ނުކުމެ، ކައުނުގެ ޙަޤީޤަތް ހާމަކުރާ ތިއަރީއަކީ އަލަށް މިގެނައި ތިއަރީއަކީ އޭ ބުނީމާ، ޤުރްއާނުން މައްސަލައެއް ނުފެނިފައި ތިބޭ އޮރިއެންޓަލިސްޓުންނާ މިނޫންވެސް “އިސްލާމަފޯބުން” ބުނާނެ ނޫންހެއްޔެވެ: ކަލޭމެންގެ ތިޔަ ޤުރްއާނުގައި ތިޔަ ވަނީ ކައުނު އުފެދުމާ ބެހޭ މުޅިން ދޮގު ވާހަކަތަކެއް ނޫން ހެއްޔެވެ. ދެން ޑިފެންސައް ފައިބައިގެން އަހަރެމެން އެއާޔަތުން މުޅިން އެހެން މާނައެއް ނެރެން އަނެއްކާވެސް އުޅެން ވީ ހެއްޔެވެ. ކުރިން މިއޮތީ އެއާޔަތުގައި އެވަނީ ބިގް-ބޭންގް ތިއަރީ އޭ ބުނެވިފައެވެ.
ނޫނެކެވެ. މިއުސޫލު ރަނގަޅެއް ނޫނެވެ. ފުރަތަމަކަމަކަށް ޤުރްއާނުގައި “ބިގް-ބޭންގް ތިއަރީ” ނުވަތަ ކައުނު އުފެދުނު ގޮތާ ބެހޭ ތިއިއަރީ އެއްގެ ވާހަކަ ކޮންމެހެން އޮންނާކަން ނުވެސް ޖެހެއެވެ. އެހެން ކަމުން ޤުރްއާނުން އެތިއަރީއެއްގެ ވާހަކަ ކޮންމެހެން ދައްކަން އުޅޭކަށް އަހަރެމެންނަކަށް ނުޖެހޭނެއެވެ. ކުރިން ބުނެވި ދިޔަ ފަދައިން މިއީ ސައިންސު ޓެކްސްޓު ފޮތެއް ނޫނެވެ. އަދި މިޤުރްއާނަކީ، އެ “ފުރިހަމަ ކުރަން” އަހަރެމެން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ފޮތެއް ވެސް ނޫނެވެ. އެއީ އޭގެ ޒާތުގަވެސް އެންމެ ފުރިހަމަ އެއްޗެކެވެ. އެއީ ހުރިހާއެއްޗެއް ހައްދަވާ، ހުރިހާ ކަމެއް އެންމެ މޮޅަށް ތަދުބީރު ކުރައްވާ، އަހަރެމެންގެ ވެރި އިލާހުގެ ކަލާމްފުޅެވެ. އެއިލާހުގެ ވަޙީ ބަސްފުޅެވެ. އެއީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ފަރާތެވެ.
ވީއިރު، އެފަރާތުގެ ކަލާމްފުޅު އެންމެ ފުރިހަމަ ނުވެ ނުދާނެއެވެ. އެހެންކަމުން މިއީ އަހަރެމެން ސަމާލު ވާން ޖެހޭ ކަމެކެވެ. ކުރިން ޒިކުރު ކުރެވުނު، ޤުރްއާނުގައިވާ ދަރިފުޅު މައިމީހާގެ ރަޙިމުގައި ބޮޑުވެގެންދާ މަރުޙަލާތަކަކީ މިޒަމާނުގައި އިންސާނުންނަށް ސީދާ ލޮލުން ފެނި އަތުން ހިފާފައިވާ ކަންކަމެވެ. ނަމަވެސް ބިގް-ބޭންގް ތިއަރީގައި މިބުނާ ގޮވުމެއް ހިނގިތަން މީހަކަށް ފެނި ތަޖުރިބާ ކުރެވިފައިވުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން މިއީ ލޮލުން ފެނި އަތުން ހިފާފައިވާ ކަންކަމާ ޚިލާފަށް ބަދަލުވުން ނުވަތަ “ބަދަލު ކޮށްލުން” ވެސް އެކަށީގެންވާ ކަމަކަށް ވެދާނެއެވެ.
ހަމަ އެހެންމެ އަދި މި ތިއަރީ ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަ ނަމަވެސް އަހަރެމެން ސިކުނޑީގައި ބަހައްޓަން ޖެހޭ ވަރަށް މުހިންމު ނުކުތާއެއް ވެއެވެ. އަހަރެމެން މިތިބީ ﷲ އަށާއި އެއިލާހުގެ ކަލާމްފުޅު ކަމަށްވާ ޤުރްއާނަށް ފުރިހަމައަށް އީމާން ވެގެންނެވެ. އެއިލާހަކީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ފަރާތެވެ. އެއިލާހުގެ ކަލާމްފުޅުގައި ކުށެއް ނުވާނެއެވެ. ނަމަވެސް ސައިންސުވެރިންނަކީ ހުރިހާގޮތަކުންވެސް ބަލިކަށި އިންސާނުން ތަކެކެވެ. ހަށިގަނޑުގެ ގޮތުން ބެލިޔަސް ނުވަތަ ބުއްދީގެ ގޮތުން ބެލިޔަސް އަދި އެހެނިހެން ގޮތް ގޮތުންވެސް އިންސާނާގެ ބާރުތައް މިވަނީ ވަރަށް ބޮޑަށް ލިމިޓު ވެފައެވެ. ބައެއް ކަންކަމުގައި އިންސާނުންނަށްވުރެ ފުރިހަމަ ޖަނަވާރުތައްވެސް ވެއެވެ.
ހަމަ އެހެންމެ އިންސާނުންނަކީ ކަންކަން ކުރުމުގައި ކުށްހެދުންވެސް ގިނަ ބައެކެވެ. އަދި މިބާބުގައި އިންސާނާގެ ބަލިކަށިކަން ދަލާލަތު ކޮށްދޭ އެންމެ އަލިގަދަ އެއް ދަލީލަކީ ސައިންޓިފިކް ޙަޤީޤަތްތައް ކަމުގައި ބެލެވޭ ކަންކަން ބަދަލުވަމުން އަންނަ އައުމެވެ. އެއް އިރެއްގައި ޙަޤީޤަތެއް ކަމުގައި ބެލެވޭ ކަމެއް ފަހުން ބޯދާ ޚިޔާލީ އެއްޗަކަށް ބަދަލުވެގެންދާ ކަމެވެ. އެހެންކަމުން އަހަރެމެން، ސައިންސާއި ފިލޯސޮފީއާއި އަދި މިނޫން އެހެން ހުރިހާ “ޢިލްމު” ތަކެއްގެ މައްޗަށް ވެސް އަބަދުވެސް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރްއާން އިސް ކުރަންވާނެއެވެ. މިއިން ޢިލްމަކުން ހޯދައިގަނެވޭ ކަމެއް ޤުރްއާނުގައިވާ ކަމަކާ ފުށު އަރާނަމަ، ކެރިގެން ބުނަންވާނެއެވެ. ތިޔައީ ދޮގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!