ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ.

މި ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށް ދެއްވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

މި 6 ދަރިވަރުންނަކީ ވެސް މުޅިންވެސް އަންހެން ދަރިވަރުންނެވެ. މީގެތެރެއިން 5 ދަރިވަރުންނަކީ ސީ.އެޗް.އެސް.އީ.ގެ ދަރިވަރުންނެވެ. އަނެއް ދަރިވަރަކީ ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެކެވެ. އެ ދަރިވަރަކީ އެ ސްކޫލްގެ އައިމިނަތު އިބާ އާދަމް އެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި ދަރިވަރުންނާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި ހުރިހާ ދަރިވަރުންނަށް، އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި 6 ދަރިވަރުންގެ އިތުރުން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 79 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތަޢުލީމީ ފުރުޞަތުތަކާއި ގުޅޭ ގޮތުން މިރޭގެ ޖަލްސާގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ފެށިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެވެމުންދާ ތަޢުލީމުގެ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ އަހަރުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތަޢާރަފްކޮށް، މިއަދާ ހަމައަށް 14711 ދަރިވަރުންނަށް އެ ޕްރޮގްރާމުންވާނީ ފުރުޞަތު ހޯދައި ދެވި، 4696 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައިވާ ކަމަށެވެ.