މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ މާލޭގެ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް މިހާރު ހުޅުވާލެވިފައިވާ ގޯތި ދިނުމުގެ ކަންތައް ކުރިއަށް ދާންކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މާލޭގެ ރައްޔިތުންނާ މުޚާތަބުކުރަށްވާ މޭޔަރު މިރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންވާނީ ހިލޭކަމަށް ސިޓީ ކައުންސިލުން ފެށުނިއްސުރެ ވަކާލާތު ކުރަމުން އަންނަކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާގެ އޮފީހަށް ސިޓީ ވެސް ފޮނުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

މޭޔަރު ވިދާޅުވީ، އެކަމާއި ގުޅޭގޮތުން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި ކަންކަމުގެ ގޮތުގައި ނޫސްތަކުން ފެންނަ މަޢުލޫމާތަށް ބަލާއިރު ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އުޅެނީ ހިލޭކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

މޭޔަރުގެ ވާހަކާގައިވަނީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ސިޓީ ކައުންސިލަށް އެއްބާރުލުން ލިބޭކަން ފާހަގަ ކުރަށްވާފައެވެ. އަދި ބައެއް މުއްސަސާތަކުން އެއްބާރުލުން ނުލިބޭކަން ވެސް މޭޔަރު ފާހަގަ ކުރެއްވިއެވެ.

"އެއްބާރުލުންދޭ މުއައްސަސާތައް ވެސް އެބަހުރި، ނަމަވެސް ގެދޮރުގެ ކަންކަން ކަހަލަ ކަންތައްތަކުގައި ސަރުކާރުން އެއްވެސް ވަރަކަށް ސިޓީ ކައުންސިލާ މަޝްވަރާއެއް ނުކުރޭ، ބޭނުންވަނީ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް މިހާރު ހުޅުވާލެވިފައިވާ ގޯތި ދިނުމުގެ ކަންތައްވެސް ދާން، ޝަރުތުތައް ކަނޑައެޅުންވެސް، ސަރުކާރުން އެކަން ކުރަނީ ރަނގަޅަށްތޯ ޔަޤީން ކުރަން ބޭނުންވޭ،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިރެޔާއި ހަމައަށް ގޯތި ދިނުމުގެ ކަންތައް ސަރުކާރުން ސިޓީ ކައުންސިލާއި ހިއްސާކޮށްފައި ނުވާކަމަށެވެ. އެކަން ސާފުކޮށް ގުޅިގެން ކުރިއަށްދާން ބޭނުންވާކަން ދަންނަވައި ރައީސް އޮފީހަށް ދެތިންފަހަރު ސިޓީ ފޮނުއްވިކަމަށާއި އަދި ޕްލޭނިން މިނިސްޓްރީއަށް ވެސް ސިޓީ ފޮނުއްވިކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެންނާ އެއްވެސް ކަމެއް ހިއްސާއެއް ނުކުރޭ، އަޅުގަނޑުމެން ރައީސް އޮފީހަށް ދެތިންފަހަރު ސިޓީ ފޮނުވިން، އެހެންނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވިއްޖެ، އެހެންނަމަވެސް އަޅުގަނޑުމެން ބައިވެރިއެއްނުކުރޭ، ނޫސްތަކުން ފެންނަނީ، ތިބޭފުޅުންނެކޭ އެއްވަރަށް އަޅުގަނޑުމެންނަށް އިނގެނީ ފެންނައެއްޗެއް،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގޯއްޗަށް އެދި ފޯމު ހުށަހަޅަންޖެހެނީ އޮންލައިންކޮށް ކަމަށްވެފައި އެ ފޯމުތައް ފުރުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ސިޓީކައުންސިލްގެ މުވައްޒަފުންވެސް ބޭނުންވާކަމަށް ސަރުކާރުގައި ދެންނެވިކަމަށެވެ. ނަމަވެސް އެކަމަށް ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވިއެވެ.

އެހެންއެކަން ދިމާވިނަމަވެސް ސިޓީ ކައުންސިލުން މަޝްވަރާކުރުމަށްފަހު ގެދޮރުވެރިކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ހެލްޕް ޑެސްކުތަކެއް ބަހައްޓަން ނިންމައިފައިވާކަން މޭޔަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ކައުންސިލްގެ މުވައްޒަފުން އަންނަ މަހުގެ ތިނަކުން ފެށިގެން އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ފުރުސަތު ނުދިނަސް އަޅުގަނޑުމެން ބައިވެރި ނުކުރިޔަސް އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާ އެކީގައި. އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ދެވެން ހުރި އެހީތެރިކަން ދޭން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.