ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފްލެޓަށް އެދޭ އޮންލައިން ޕޯޓަލްއަށް އީ ފާސް މެދުވެރިކޮށް ލޮގިން ކުރެވޭނެ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން މިކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

Ad
rt

ވިނަރެސް ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމަށް އެޗްޑީސީން ހުޅުވާލާފައި ވާއިރު ފްލެޓުތައް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުސޫލުތަކާއި އޭގެ ތަފްސީލުތައް އެޗްޑީސީން މިހާރު ވަނީ އާންމު ކޮށްފައެވެ.

އެގޮތުން ބަލާނެ އާންމު އުސޫލުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ ރައްވެއްސަކަށް ވުން ހިމެނެއެވެ. އެހެން ނަމަވެސް މާލޭގައި ރަޖިސްޓްރީ ނުވެ، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށާއި މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވި ނަމަވެސް، ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވިނަރެސްއިން 100 ފްލެޓު ހާއްސަ ކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ދެވަނަ ފިޔަވަހީގެ ނަމުގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާ ޢިމާރާތް ކުރަން ޙަވާލު ކޮށް މަސައްކަތް ނިންމާފައިވާ ފުލެޓު ތަކަކެވެ.

ވިނަރެސްގައިވެސް ހިޔާ ފްލެޓްތައް ފަދައިން 25 ބުރީގެ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ. މިދިޔަ މަހުގެ 20ގައި އެޗްޑީސީން ވަނީ ވިނަރެސްގެ ދެ ޓަވަރަކާ ރަސްމީކޮށް ހަވާލު ވެފައެވެ.