ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ނެއްލައިދޫ ކައުންސިލް ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިކަ ސިޓީ ސްޕޯޓްސް ކުލަބާއި އެފްސީ ފްރެންޑްސް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. މިގޮތުން ލީގު ބުރު ނިމުނު އިރު 10 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ހޯދާފައި ވަނީ އެފްސީ ފްރެންޑްސްއެވެ. ހަތް ޕޮއިންޓް ހޯދައިގެން ނިކަ ސިޓީ ތާވަލުގެ ދެވަނަ ހޯދިއިރު ތިންވަނަ ހޯދާފައި ވަނީ ރެފިއުޖީއެވެ. އެ ޓީމަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

Ad
rt

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ ފްރެންޑްސްއާއި ނިކަ ސިޓީ މިއަދު ހަވީރު ނެއްލައިދޫ ފުޓްބޯޅަ ދަނޑުގައި ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާނެއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި، ތާވަވަލުގެ ތިންވަނަ ހޯދައިގެން ސެމީގެ ޖާގަ ހޯދި ރެފުޖީއާއެވެ.

މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ފާހަގަކޮށްލެވޭ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ކުޅެމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 7000 (ހަތްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ވެސް އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފާއިތުވި އަހަރުތަކުގައި ބޭއްވުނު މުބާރާތްތަކާއި ޚިލާފަށް މި އަހަރުގެ މުބާރާތުގައި ބެސްޓް ސަޕޯޓާރސް ޓީމް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދިވެހި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅުމަށް ހިންގާ މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި އެޅި ޓާފްދަނޑުގައި ބާއްވާ މިފަދަ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 20 ޖުލައި 2022 ވާ ބުދަ ދުވަހުއެވެ.