ހދ.ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް ފަށައިފިއެވެ.
މި މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މިއަދު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އޯލްޑް ސްޓާއާއި ނައިރު ކަންމައްޗެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނައިރު ކަންމައްޗެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ތާޓީ ޕްލަސްއާއި ރޫހް ޓީމެވެ. މި މެޗު 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ތާޓީ ޕްލަސްއެވެ.
މި މުބާރާތުގައި ބައިވެރި ވެފައިވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެ ޓީމްތަކަކީ ތާޓީ ޕްލަސް، ނައިރު ކަންމަތި، ރޫހް އަދި އޯލްޑް ސްޓާއެވެ. މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގެ ދެ މެޗު މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނައިރު ކަންމައްޗާއި ތާޓީ ޕްލަސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޯލްޑް ސްޓާއާއި ރޫހް ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!