ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ސަމާޒް ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތް މިއަދު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ.

މި މުބާރާތް މިއަދު ހަވީރު ކެލާ ފުޓްބޯޅަ ދަނޑުގައި ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިސެންޑޯ ޑި ސިންކޫއާއި ޓީއޯ ސްޕޯޓްސް ކުލަބެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ ކިހައްޑިހަ އެފްސީ، ވިސެންޑޯ ޑި ސިންކޫ، ކެލާ ވެޓެރަންސް އެފްސީ، ޓީއޯ ސްޕޯޓްސް ކުލަބްގެ އިތުރުން ކުލަބް ޔުނައިޓެޑް ކެލައެވެ.

މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމްގެ މެދުގައި ފައިނަލް މެޗެއް ކުޅޭގޮތަށެވެ. ފައިނަލް މެޗުން މޮޅުވާ ޓީމަކަށް ތައްޓާއި މެޑަލްގެ އިތުރުން 30000 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ފެއާޕްލޭ ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު ކޮންމެ އަހަރަކު ބާއްވަމުންއައި މި މުބާރާތް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން 2020 އަދި 2021 ގައި ބާއްވާފައި ނުވެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސާ ކޮށްފައި ވަނީ ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ސަމާޒް މޯލްޑިވްސްއިންނެވެ.