މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ކުޅުދުއްފުށީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ވަރަށް ކުލަގަދަކޮށް ބޮޑު ޢީދު ދަނީ ފާހަގަ ކުރަމުންނެވެ.
ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ގެ ނަމުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މިހާތަނަށް ވަނީ ހިންގާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަންދު ދުއްވުމާއި، ރާނީ ހިނގުމާއި މަށިމާލި ޕެރޭޑާއި، ބޮޑު ފައިވާން ހިނގުން އަދި ހިއްޗަށްވަޑައިގަތުން ކަހަލަ ހަރަކާތްތަކެވެ. އަދި އީދު ޝޯ، އާއި ވާދަމުން ފައިގަތަޅާ އަދި ވާދެމުން ކަހަލަ ހަރަކާތްތަކެއް ވެސް ހިމެނެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެ ރަށުގައި ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑާއި ގުޅުވައިގެން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ކުޅުދުއްފުށީ ސީޓީގެ މޭޔަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށެވެ. އަދި މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖުގެގޮތުން މުއްސަނދި ހަރަކާތެއްކަން ފާހަަގަ ކުރަށްވާފައިވެއެވެ.
"ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތައް، ޤައުމުގަ ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓަރސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދެއެވެ." އާތިފް ވިދާޅުވެފަވެއެވެ.
މޭޔަރު ވިދާޅުވީ، އެހަރަކާތުގެ ތެެރެއިން ގިނަފަހަރު ހުށަހެޅުންތައް ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަށް ކަމަށާއި، ފަހަރުގަ އެ ދޭ މެސެޖް އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއްވެސް ހުރެދާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެދާނެ ސަބަބަކީ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހީންނަށް ފަހުމު ވުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖްތިމާއީ މިންގަނޑު ތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމެޓީއާއި ކައުންސިލްގެ ފަރާތުން އަންނަނީ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ." މޭޔަރު އިތުރަށް ވިދާޅުވެފައިވެއެވެ.
މޭޔަރު އާތިފް ވަނީ، ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިއަށްއޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑު ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިއުންތައް ތައްޔާރުކޮށް އާންމުކުރުމަށް އެދިވަޑައިގެންފައެވެ.
ބޮޑު ޢީދުގެ ހަރަކާތްތަކުގެ އިތުރުން ވެސް ކުޅުދުއްފުއްޓަކީ މުއްސަނދި ސަގާފަތެއް އޮންނަ ސަގާފީކަންކަން ދިރުވައި އާލާ ކުރުމަށް ވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!