މިއަހަރުގެ ނިޔަލަށް ރާއްޖޭގޭ އާބާދީ، 579،330 އަށް އާނެކަމަށް އަންދާޒާކޮށްފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުގެ މަސައްކަތްވެސް އަވަސްކޮށްފައިވާކަމަށެވެ.
އެމްބީއެސް އިން ބުނީ މިހާރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13-25 އަށް ކަމަށެވެ. ކުރިން ބޯހިމެނުގެ މަސައްކަތް ފަށާ ގޮތަށް އޮތީ ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ. އަދި މިހާރު ވެސް އޮތް ގޮތަށް އެ މަސައްކަތް ނިންމައިލަން އޮތީ އެ މަހުގެ 25 އަށެވެ.
ދެހާސް ސާދައިގެ ފަހުން ރާއްޖޭގައި މި އަހަރު ބާއްވާ ބޯހިމެނުގެ ޝިއާރަކީ "8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަގުބަލަކާ ދިމާއަށް، ފުރުސަތުތައް ބޭނުންކޮށް އެންމެންނަށް ހައްގުތަކާއި އިހްތިޔާރުތައް ކަށަވަރުކުރުން" އެވެ.
އެމްބީއެސް އިން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު 25 ގައި ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ނިންމައިލުމަށް ފަހު ވަގުތީ ނަތީޖާ އިއުލާންކުރާނީ އޮކްޓޯބަރު 6 ގަ އެވެ. އަދި ދާއިމީ ނަތީޖާ އިއުލާންކުރާނީ އެ މަހުގެ 20 ގަ އެވެ.
ބޯހިމެނުގެ މަސައްކަތް ރަސްމީކޮށް ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު އޮތީ އެއްކޮށްހެން ނިމިފަ އެވެ.
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގަ އެވެ. އެއަށް ފަހު، ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް 1931 ވަނަ އަހަރާ ހިސާބުން އާބާދީގެ ބޯހިމެނުމަށް މެދުކެނޑުމެއް އަ އެވެ. އަލުން އެ މަސައްކަތް ފެށީ 1946، 1953 އަދި 1957 ގައެވެ. އޭގެ ފަހުން ދެން ބޯ ހިމެނުން މެދު ކެނޑުނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!