•  
  •  
  •  
  •  
  •  
  •  
  •  

އަޅުގަނޑުމެންނަށް މިދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. ތިމާމެންނީ ﷲ އެއްކައުވަންތަކުރާ، އެކަލާނގެ ފޮނުއްވި ނަބިއްޔާ ތެދުކުރާ، ބާއްވައިލެއްވި ފޮތާއި، ޣައިބުގެ އެންމެހާ ޚަބަރުތަކަށް އީމާންވާ ބައެއް ކަމުގެ ހެޔޮ ނަސީބު ލިބިގެން ދިއުމެވެ. މި މަތިވެރި ނަސީބު ލިބިއްޖެ މީހަކަށް ހުރީ އުފާވެރިކަމެވެ. އަދި އާޚިރަތުގައި ހުރީ މަތިވެރިވެގެންވާ ސުވަރުގެތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ! އެހެނީ އިސްލާމްދީނަކީ ޙައްޤު ދީނެވެ. އަދި އެ ދީނަކީ ޤިޔާމަތާ ޖެހެންދެން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ދީނެވެ. ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭ މީހާ އާޚިރަތުގައި ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

ﷲ ސުބްހާނަހޫވަތަޢާލާގެ ތަނަވަސް ރަޙްމަތުން، އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށްވަނީ މީގެ އަށްސަތޭކަ އަހަރު ކުރިން އިސްލާމްކަމުގެ ނިޢުމަތް ލިބިގެން ގޮސްފައެވެ. ދުނިޔޭގެ އިސްލާމްކަމުގެ ނިޢުމަތް ނުލިބި ތިބި އެތައް އެތައް މިލިއަން މީހުންގެ ތެރެއިން، އަޅުގަނޑުމެންނަށް މި މަތިވެރި ނިޢުމަތް ދެއްވިކަމުގެ މައްޗަށް އަޅުގަނޑުމެން ތާ އަބަދު ޝުކުރުކުރަންޖެހެއެވެ. އެހެނީ މިކަމުން އެނގެނީ އަޅުގަނޑުމެންނާއިމެދު އެކަލާނގެ ރަޙްމަތުގެ ބޮޑުކަމެވެ.

ކަން މިހެންއޮތްއިރު މި ބޮޑު ނިޢުމަތަށް ރައްކާތެރިވުމަކި އަޅުގަނޑުމެންގެ މައްޗަށް އޮތް އައިނިއްޔަ ފަރްޟެކެވެ. މި ދީނުގައި ހިފަހައްޓާ، މި ދީންމަތީގައި ސާބިތުވެ، މި ދީން ދިފާޢު ކުރުމަށްޓަކައި އަތުކުރި އޮޅާލައި މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

މީގެ ކުރީގައި އެބޭކަލުންގެ ޖާނާއި މާލުން އިސްލާމްދީނަށްޓަކައި ޤުރުބާންވެވަޑައިގެންނެވި ޞާލިޙު ބޭބޭކަލުންގެ ވާހަކައިން ޛިކްރާއާކޮށް ޢިބްރަތް ލިބިގަންނަމާތޯއެވެ! ބިލާލުގެފާނުންގެ ވާހަކަ އަޑުއައްސަވާށެވެ! އެކަލޭގެފާނަކީ މައްކާގައި އުޅުނު ޒުވާން އަޅުކުއްޖެކެވެ. އެކަލޭގެފާނަކީ މާތް ނަބިއްޔާ ސ.އ.ވ ދީނީ ދަޢުވަތައިގެން ވަޑައިގަތުމާއިއެކު، އެންމެ ކުރިން އިސްލާމްވެވަޑައިގަތް ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. ބިރާއި، ވޭނާއި، ކެކުޅުންތަކާއި އެކުވެސް ދީންމަތީ ސާބިތުވެވަޑައިގެންނެވި ވަރުގަދަ ޝަޙްސިއްޔަތެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން އެކަލޭގެފާނުގެ ކަރާއި ދެފައިންޕުޅުގައި ވާޖަހައި، މައްކާގެ ކުޑަކުދިންނާއި، މޮޔައިން ލައްވައި މައްކާގެ ހިލަބިމުގެ މަގުތަކުގައި ދެމުނެވެ. ހަންގަނޑު ނޮޅުނެވެ. ލޭ އޮހޮރިގެން ދިޔައެވެ. ނަމަވެސް ދީންމަތީގައި ސާބިތުވެވަޑައިގެން ހުންނެވިއެވެ. އެންމެ ހޫނުގަދަ ދުވަސްވަރު، އެކަލޭގެފާނުންގެ ޤަމީސްކޮޅު ބާލައި، ބޮޑެތި ހިލަތައް ގެނެސް އެކަލޭގެފާނުންގެ މޭފުޅުގެ މައްޗަށް އަރުވައި އިސްލާމްދީން ދޫކޮށްލުމަށް ތަކުރާރުކޮށް މަޖުބޫރުކުރަމުން ދިޔައެވެ. ހަށިކޮޅަށް ލިބިގެންދިޔަ ވޭނާއި، ކެކުޅުމާއި އެކުވެސް އީމާންކަމަށް ގުޑުމެއް ނާދެއެވެ. މި ހުރިހާ އަނިޔާއެއް އެކަލޭގެފާނަށް ދެވުނީ އެކަލޭގެފާނު ކޮންކުށެއް ކުރައްވައިގެންތޯއެވެ! ޝައްކެއްނެތެވެ. އެއީ އެކަލޭގެފާނު އިސްލާމްދީން ޤަބޫލުފުޅުކުރެއްވުމެވެ. އެދީން މަތީގައި ސާބިތުވެ ހުންނެވުމެވެ.

މި އުންމަތުގައި ޝަހީދު ކޮށްލެވުނު އެންމެ ފުރަތަމަ ކަމަނާއަކީ ސުމައްޔާ ރަޟިޔަﷲ އަންހާ އެވެ. އެކަމަނާގެ ކުށަކީ ކޮބައިތޯއެވެ؟ ކުށަކީ ކުޑަކުޑަ ނިކަމެތި ފަޤީރު އާއިލާއެއް ކަމުގައިވާ، އެކަމަނާއާއި އެކަމަނާގެ ފިރިކަލުން ޔާސިރު އާއި ދަރިކަލުން ޢަންމާރު ބުނު ޔާސިރު އިސްލާމް ދީން ޤަބޫލުކުރެއްވުމެވެ. ކިތަންމެ ނިކަމެތި ޢާއިލާއެއް ނަމަވެސް އެއީ އީމާންކަމުގެ ފުރިހަމަ ނޫރުން އުޖާލާ ވެފައިވާ ޢާއިލާއެކެވެ. އިސްލާމްދީން ދޫކުރެއްވުމަށް އެކަމަނާއަށް މަޖުބޫރުކުރުމަށްޓަކައި އެކި ވައްތަރުގެ ޢަޛާބު ދައްކައި އެކި ބާވަތުގެ ޖިސްމާކީ އަނިޔާ ކުރިއެވެ. ނަބިއްޔާ ސ.އ.ވ އަށް މިމަންޒަރު ފެނިވަޑައިގަތް ކަމުގައި ވީނަމަވެސް ކާފަރުންގެ އެ ނުބައި ޢަމަލު ހުއްޓުވާނޭ ބާރެއް އެއިރު އެކަލޭގެފާނުންގެ އަތްޕުޅުގައި ނުވެއެވެ. އެކަލޭގެފާނު ހިތާމަ ކުރައްވާ ޙާލު އެ ކުޑަކުޑަ ޢާއިލާއަށް ހިތްވަރު ދެއްވާ ޙަދީޘްފުޅު ކުރެއްވިއެވެ. “އޭ ޔާސިރުގެ ޢާއިލާއެވެ! ތިޔަބައިމީހުންނަށް ކެއްތެރިކަން ހުއްޓެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވަޢުދު ކުރެއްވިގެންވާ ތަނަކީ ސުވަރުގެއެވެ.” މި މަތިވެރި ޚަބަރާއިއެކު އެބޭކަލުންގެ ޢަޒުމް ދެގުނައަށް އިތުރުވިއެވެ. މިކަމާހެދި ކާފަރުން ގޮތްހުސްވެ މިއުއްމަތުގެ ފިރްޢައުނު، ނުބައިވެގެންވާ އަބޫޖަހުލަށް ކެތްނުވެގެން އައިސް އެކަމަނާގެ ހަށިކޮޅަށް ލޮންސިއެއް ހަރައި އެކަމަނާގެ ޠާހިރު ފުރާނަފުޅު ހަށިކޮޅާ ވަކިކޮށްލިއެވެ. އެކަމަނާ ޝަހީދުވެގެން ދިޔައީއެވެ. ކޮންފަދަ ޤުރްބާނީއެއް ތޯއެވެ! ކޮންފަދަ ޢަޒުމަކާއި ހިތްވަރެއްތޯއެވެ! ދެރަ ނިކަމެތި ޢާއިލާއަކަށް ނިސްބަތްވީމަނަވެސް މި ޙާދިޘާއަށްފަހު މިއަދާ ހަމައަށްވެސް މީސްތަކުންގެ ދޫތަކުން އެކަމަނާގެ ވާހަކަ ދައްކައި ތަޢުރީފުގެ ބަސްތައް އެދަނީ އޮހެމުންނެވެ. އެކަމަނާގެ ޒިކްރާ އާކުރަމުންނެވެ.

މިއީ އަޅުގަނޑުމެންގެ ކުރިން ވަޑައިގެންނެވި ބައެއް ޞާލިހުން މި ލޮބުވެތި ދީންމަތިގައި ސާބިތުވުމަށްޓަކައި ތަހައްމަލު ކުރައްވާފައިވާ ވޭނެވެ. ކުރިމަތިވެ ވަޑައިގެންނެވި މުސީބާތްތަކެވެ. އުފުއްލެއްވި ބުރައާއި މަސްއޫލިއްޔަތެވެ. މުސްލިމުން އެއިރު ނަމާދު ކުރަންޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ޤުރުއާން ކިޔަވަންޖެހުނީ ސިއްރިއްޔާތުގައެވެ. ދީނީ ވާހަކައެއް ދެއްކެނީ އެތައް ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއަދު އެހެންތޯއެވެ؟. ހާލަތު ބަދަލުވެއްޖެއެވެ. މިއަދު އަމާންކަން ޤާއިމްވެއްޖެއެވެ. މިސްކިތަތައް ހުޅުވިއްޖެއެވެ. މިއަދު އަޅުގަނޑުމެން ޤުރުއާން ކިޔަވައި ނަމާދުކޮށްފާނެތީ އެކަމަށް ހުރަސްއަޅާނެ ބަޔަކު އެބަތިބިތޯއެވެ؟ އަޅުގަނޑުމެން ރޯދަހިފައި ޒަކާތް ދައްކަފާނެތީ އެކަން ހުއްޓުވާނެ ބަޔަކު އެބަ ތިބިތޯއެވެ؟

ﷲ ތަޢާލާގެ ރަޙްމަތުން އަޅުގަނޑުމެންނަށް ސާފު ރީތި މިސްކިތްތަކަކާއި ދުރަށް އަޑުފޮނުވާނޭ ވަސީލަތްތަކާއި އެންމެހައި ލުއިފަސޭހަތަކެއް ތަނަވަސްވެފައިވާއިރު ފަރްޟު ފަސްނަމާދު ގަޑިންގަޑިއަށް ކޮށްލެވެނީ ކިތައް ކިތައް މީހުންނަށްތޯއެވެ؟ ދުވާލަކު އެއްފަހަރު ޤުރުއާން ދެ ފޮޅުވަތް ނުވަތަ ތިން ފޮޅުވަތް ކިޔަވާލެވެނީ ކިތައް މީހުންނަށްތޯއެވެ؟ މި ދީނަށްޓަކައި ޚިދުމަތެއް ކޮށްދެވެނީ ކިތައްކިތައް މީހުންނަށްތޯއެވެ؟ މިއިން ދުވަހަކުވެސް އިސްލާމްދީނުގެ އިރްޝާދުތަކާއި ޙުކުމްތައް އެކުލެވޭ ފޮތެއް ކިޔާލެވުނީ ކިތައް ކިތައް މީހުންނަށްތޯއެވެ؟ ކޮފީ މޭޒުތަކުގައި ދެ ގަޑިއިރު ތިން ގަޑިއިރު ފޫހިކަމެއްނެތި ހޭދަކޮށްލެވޭއިރު ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔާލަން ދެތިން މިނެޓް ހޭދަކޮށްލެވެނީ ކިތައް ކިތައް ޒުވާނުންނަށް ތޯއެވެ؟

މިއަދު ޓެކްނޮލޮޖީ މިވަނީ ކުރިއަރައިފައެވެ. ސްމާޓް ފޯނުތަކުގެ ޒަރިއްޔާއިންވެސް ކީރިތި ޤުރުއާން ކިޔެވޭނެ ގޮތާއި ޤުރްއާނުގެ ދިވެހި ތަރުޖަމާ ކިޔޭނެ ގޮތް ފަހިވެފައި އެބަހުއްޓެވެ. ނަމަވެސް ގިނަ މީހުންނަށް މިއަދު ވަގުތެއް ނެތެވެ. ދުނިޔަވި ކަންކަމުގައި މަޝްޣޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު ކުޑަވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

ނަމަވެސް ދަންނަވަންތޯއެވެ؟ އިސްލާހުވާން ބޭނުންވާ މީހާ މާޔޫސްވާކަށް ނުޖެހެއެވެ. އިސްލާހުވާން ބޭނުންވާ މީހާއަށް މިއަދު މިވަގުތުުން ފެށިގެންވެސް އެ ފުރުސަތު އެބައޮތެވެ. ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒްމެކެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ