ހއ.ދިއްދޫގައި މި އަހަރުގެ އަޟްހާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ.

ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސައިފޮދު، ފެންކުޅިވަރު، ޢީދު އުފާ ހަވީރު ކުޅިވަރު، ހަވާއެރުވުން، ސްޓޭޖް ޝޯ، ހަންޓިންގ ޝޯ، ކެއްކުމުގެ މުބާރާތް، ކުޑަކުދިންގެ ކުޅިވަރު، ފިރިހެނުންގެ ވާދެމުމުގެ އިތުރުން އަންހެނުންގެ ވާދަމެން ހިމެނެއެވެ. ދިއްދޫގައި ޢީދު ނަމާދު މި އަހަރު ކުރުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގައެވެ.

Ad
rt

ދިއްދޫގައި މި އަހަރު ޢީދުގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަ ކުރަނީ ދިއްދޫ ކައުންސިލާއި، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދިއްދޫގެ ޒުވާނުންގެ އިތުރުން ދިއްދޫގެ މުއައްސަސާތައް ގުޅިގެންނެވެ.

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ މިއީ އަޟްހާ ޢީދު އެ ރަށުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ އެއް އަހަރަށް ވާނެ ކަމަށާއި، މިގޮތުން ޢީދަކާއި ގުޅިގެން ފުރަތަމަ ފަހަރަށް އެ ރަށުގައި ހަވާއެރުވުން ވެސް އޮންނާނެ ކެމަށެވެ.

މި އަހަރުގެ ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ދިއްދޫގެ ކުދިބޮޑު އެންމެން ގުޅިގެން ކަމަށާއި، ޢީދުގެ ހަރަކާތްތަކުގެ ތެރެއިން އެކަން ފެނިގެންދާނެ ކަމަށެވެ.

ޢީދާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށް ގެންދާއިރު، ތިލަދުންމަތީގެ ތިން ރަށެއްގައި ހަވާއެރުވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދިއްދޫއާއި ބާރަށުގެ އިތުރުން ވަށަފަރެވެ.