ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ނެއްލައިދޫ ކައުންސިލް ކަޕް 2022" ފުޓްބޯޅަ މުބާރާތް މި އަހަރުގެ އަޟްހާ އީދު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ އިތުރުން އެ ރަށަކީ އެއްބައި ވަންތަ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުމެވެ.
މި މަހުގެ 09 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ އެފްސީ ފެލްކަން، އެފްސީ ދުންމާރި، ކުލަބް ރެފިއުޖީ، އެފްސީ ފްރެންޑްސްގެ އިތުރުން ނިކަސިޓީ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ފާހަގަކޮށްލެވޭ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ކުޅެމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 7000 (ހަތްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ވެސް އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފާއިތުވި އަހަރުތަކުގައި ބޭއްވުނު މުބާރާތްތަކާއި ޚިލާފަށް މި އަހަރުގެ މުބާރާތުގައި ބެސްޓް ސަޕޯޓާރސް ޓީމް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކު ވެސް އަޟްހާ އީދާއި ގުޅުވައިގެން ނެއްލައިދޫ ކައުންސިލުން މި މުބާރާތް ބާއްވަމުން އައި ނަމަވެސް ފާއިތުވި ދެ އަހަރު ކޯވިޑްގެ ހާލަތާއި ގުޅިގެން މި މުބާރާތް ބާއްވާފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!