މާތްވެގެންވާ އިސްލާމްދީނުގެ މާތް އަސާސްތަކަށް ފާޑުކިޔައި އަދި ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ''ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް'' ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އާންމު ކުރި ރިޕޯޓް ހއ.ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި ދިއްދޫގެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ރިޕޯޓަކީ ދިވެހިންގެ މެދުގައި ޒަމާނުންސުރެ ޤާއިމްވެފައިވާ އެއްބައިވަނތަކަމާއި އަޚްވަންތަކަން ބަލިކަށިކޮށް މި ފަސްގަނޑުގައި މާތްވެގެންވާ އިސްލާމްދީނަށް ލިބިފައިވާ ޤަދަރާއި ޝަރަފު ކިލަނބުކޮށް ފަސާދަ އުފެއްދުމުގެ ނިޔަތުގައި އެ ގަމިއްޔާއިން ކޮށްފައިވާ ފިނޑި ދަށު ދަރަޖައިގެ އަމަލެއް ކަމުގައެވެ.
އަދި މި އަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރ 1/2003 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާ އާ ހިލާފު އަމަލަކަށްވީހިނދު މިކުށަށް މި މައްސަލާގައި ދައުވާ އުފުލަންޖެހޭފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
މި ޖަމްޢިއްޔާ މިހާރު ސަސްޕެންޑް ކޮށްފައިވާއިރު ގިނަ ކައުންސިލްތަކުން މިކަން ކުށްވެރިކޮށް މިކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް ވަނީ ގޮވާލާފައެވެ.މީގެ އިތުރުން ރާއްޖޭގެ ގިން އިލްމުވެރިން ވެސް މިކަން ކުށްވެރިކޮށް އެ ޖަމްޢިއްޔާ އުވާލުމަށް ދަނީ އަޑު އުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!