ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން ގަސް އިންދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ގަސް ދޫކުރަން ނިންމައި، ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ގަސް ބޭނުންވާ ފަރާތް ތަކުން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދޭ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމަކީ 2023-2019 އަށް ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމްގެ ދަށުން އިންދާ އާލާކުރުމަށް ހަމަޖެހިފައިވަނީ ބަނބުކެޔޮގަހާއި އަލަގަހާއި މުރަނގައިގެ އިތުރުން ފަތްކެޔޮ އަދި ޖަނބުރޯލުގަސް ކަމަށް ސިޓީ ކައުންސިލުން ހާމަ ކުރައްވައެވެ.
އެހެންކަމުން މިފަދަ ގަސްތައް އިންދާ ހެއްދުމަށް ޝައުޤުވެރިވާ ގޭބީސީތަކުން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުމަށް އެ ކައުންސިލުން ޢާއްމު ކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކުރައްވައެވެ.
މި ގަސްތައް އިންދާ ހެއްދުމަށް އެންމެ ކުޑަކޮށް ބޭނުންވާ ޖާގައިގެ ގޮތުގައި 80 އަކަފޫޓު ކަނޑައަޅާފައި ވާއިރު، 625 އަކަފޫޓުގެ ބިން އޮތްނަމަ ބަނބުކެޔޮ ގަސްފަދަ ބިޔަވާ ގަސްވެސް ލިބޭނެ ކަމަށް ސިޓީ ކައުންސިލުގެ އިޢުލާނުގައި ވެއެވެ.
އެގޮތުން 100 އަކަފޫޓުގެ ހުސް ބިން އޮންނަ ގެއަކަށް ޖަނބުރޯލް ގަހެއް ލިބޭއިރު، 144 އަކަ ފޫޓަށް 1 މުރަނގަ ގަސް، 80 އަކަފޫޓަށް 1-3 ނިރު ފަތް ކެޔޮ އަދި 4-1 އަލަގަސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ސޯލިޙު އިލްތިމާސް ކުރައްވާފައިވަނީ ދަނޑުވެރިންވެސް އޯގަނިކް ފަރމިންގއަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ދިޔުމަށެވެ.
އެހެންކަމުން މި ބާވަތް ތަކަކީ އެއްވެސް ކެމިކަލަކާނުލާ ފަސޭހައިން ރާއްޖޭގެ ބިމުގައި ހެއްދޭނެ ބާވަތްތައްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!