ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ވެރިރަށް ކިގާލީގެ މެރިއޮޓް ހޮޓެލްގައެވެ.

Ad
rt

ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިހާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށްކަން ފާހަގަ ކުރައްވައި، ރައީސް ވަނީ ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީޚު ފަސްކުރެވުނެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން 2022 މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާޢަތާ ގުޅުނު ފަހުން ބާއްވާ މީގެ ފުރަތަމަ ބައްދަލުވުމެވެ.

ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ޤައުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކެވެ.