ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ހަތަރުވަނަ ދުވަހުގެ މެޗުތަކުގައި ޓީމް ހަނިމާދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބުކުރި އިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ބީއެކްސްއިން ކާމިޔާބު ކޮށްފޮއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ހަނިމާދޫއިން އިހަވަންދޫގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ހަނިމާދޫ ޓީމުން މޮޅަށް ކުޅެފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ އިހަވަންދޫގެ ދިފާއީ ކުޅުންތެރިޔާ އިމްރާން އާދަމްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ހަނިމާދޫއިން ވަނީ އިތުރު ދެ ލަނޑުޖަހާފައެވެ. ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމެވެ. އެ ޓީމުން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހު މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 22، އާދަމް އިބްރާހީމެވެ.
އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި، ދިއްދޫއާއި ނެއްލައިދޫ ބައްދަލުކުރި މެޗު ދިއްދޫއިން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.
މި މެޗުގައި ދިއްދޫ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 29 ހުސައިން ޒިމްޔާންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާއިންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދިއްދޫއިން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މިގޮތުން މެޗުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ހުސައިން ޒިމްޔާން ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 28، ހުސައިން ޝިފާހްއެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ޝިފާހްއެވެ. ފަސްވަނަ ލަނޑު 66 ވަނަ މިނެޓުގައި އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ތައުމީމް ނޫހް ކާމިޔާބު ކޮށްދީފައިވާއިރު، ހަވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އަހުޒަމް ރަޝީދެވެ.
މި މުބާރާތުގެ ދެ މެޗު އަންނަ ހުކުރު ދުވަހު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަހު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ނެއްލައިދޫއާއި އިހަވަންދޫ ބައްދަލުކުރާއިރު، ދިއްދޫ ފުޓްބޯޅަ ދަނޑުގައި ދިއްދޫ ނުކުންނާނީ ކުޅުދުއްފުއްޓާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!