ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ސްޓެލްކޯއިމް ހަވާލުވެއްޖެއެވެ.
މިއާއެކު، ރާއްޖޭގައި ޔުޓިލިޓީގެ ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވަނީ ވެފައެވެ. މި ހިދުމަތް ފެށުމަށް މާފުށީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރައި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ އެއް ފުރާޅެއްގެ ދަށުން ޔުޓިލިޓީގެ ހުރިހާ ހިދުމަތެއް ދިނުމުގެ ފަހުރު ސްޓެލްކޯއަށް ލިބުމަކީ ތާރީހީ ކަމެއް ކަމަށެވެ. އަދި މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު، ސްޓެލްކޯގެ މި ހިދުމަތާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާފުށީގައި ދޭ ހިދުމަތް ރަނގަޅަށް ގެންދެވިއްޖެ ނަމަ އެ ހިދުމަތް ފުޅާކޮށް އެ އަތޮޅު ގުރައިދުއަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މާފުށިން ދުވާލެއްގެ މައްޗަށް 5 ޓަނުގެ ކުނި އުކާލަ އެވެ. އެ ތަކެތި އުކާލުމުގައި ބައެއް ފަހަރު މޫދަށް އަޅައެވެ. ނަމަވެސް، ސްޓެލްކޯގެ މި ހިދުމަތާއެކު އެ ހުރިހާ ކަމަކަށް ހައްލު ލިބި ރަނގަޅުގޮތުގައި ކުނި މެނޭޖެކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!