ޖަވާބު: އިޙްރާމް ބަނެގެންވާ ޙާލުގައި ބޮލުގެ އިސްތަށި ބޭލުން ޙަރާމް ކަމުގެ ދަލީލު: ﴿وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ﴾(سورة البقرة-196) މާނަ: އަދި ހަދްޔު، ކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ!
މުޙްރިމު (އިޙްރާމް ބަނދެފައިވާ މީހާ) ބޮލުގެ އިސްތަށި ބޭލުން ހުއްދަނުވާނެކަން ވަރަށް ޞަރީޙަކޮށް މިއާޔަތުން އެނގެއެވެ. އެކަމާމެދު އެއްވެސް ޚީލާފެއް ނެތެވެ.
މިއާޔަތުގައި ބޯ ބޭލުން ޙަރާމް ކުރައްވާފައި އޮތުމުގެ ތެރެއަށް އިސްތަށި ކޮށުމާއި އުފުރުންވެސް ވަދެގެން ދެއެވެ. ސަބަބަކީ ބޯބޭލުން ނަހީ ކުރެއްވުމުގެ ތެރޭގައި މަދު މިންވަރާއި ގިނަ މިންވަރުވެސް ޝާމިލުވާތީއެވެ. މާނައަކީ ކިތަންމެ މަދު މިންވަރަކަށް ނުވަތަ ގިނަ މިންވަރަކަށް ވެސް ބޮލުން އިސްތަށި ބޭލުން ނުވަތަ އުފުރުން ހުއްދަ ވެގެނެއް ނުވެއެވެ.
މިކަމާ ގުޅޭ އުސޫލީ ޤާޢިދާއެއްގައި ވެއެވެ. امتثال الأمر لا يتم إلا بفعل جميعه، وامتثال النهي لا يتم إلا بترك جميعه މާނަ: އަމުރު ކުރެވިފައިވާ ކަމެއްގައި ހިމެނޭ ހުރިހާ ކަމަކަށް ފުރިހަމައަށް ޢަމަލު ކުރެވުމުން މެނުވީ (އަމުުރު ކުރެވުނު ކަންތައް) ކުރެވުނު ކަމުގައި ނުވާނެއެވެ. އަދި ނަހީ ކުރެވިފައިވާ ކަމެއްގައި ހިމެނޭ ހުރިހާ ކަމެއް އެއްކޮށް ދޫކޮށްލުމުން މެނުވީ (ނަހީ ކުރެވުނު ކަންތައް) ދޫކޮށްލި ކަމަކަށް ނުވާނެއެވެ.(1)
ނަމަވެސް ބޮލުން އިސްތަށި އުފުރުން ޙަރާމް ކަމުގައިވީނަމަވެސް އިސްތައްޓެއް އުފުރާލުމަކުން އަދި ފިދުޔަ ދޭކަށެއް ނުޖެހޭނެއެވެ. ފިދުޔަ ދިނުމުގެކުރިން ބަލާލަން ޖެހޭ ކަންތައްތަކެއް ވެއެވެ.
ފަހެ ބޮލުގެ އިސްތަށި ބޭލުމުގެ ސަބަބުން ފިދުޔަ ދޭން ޖެހުމުގެ މައްސަލާގައި، ފިދުޔަ ދޭން ޖެހޭނީ ކިހާވަރަކަށް އިސްތަށި ވަކި ވުމުންތޯ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތު ވެގެން ވެއެވެ.
ފުރަތަމަ ރައުޔު: 3 އިސްތަށި ނުވަތަ އެއަށްވުރެ ގިނައިން އުފުރުން ނުވަތަ ބޭލުން. ތިނެއް ޚާއްޞަ ކުރެވިފައިވަނީ އެއީ ޢަރަބި ބަހުގައި ޢަދަދު ޖަމްޢު ވާނީ ތިނަކުން ކަމަށް ވާތީއެވެ. މިއީ ޙަންބަލީ އަދި ޝާފިޢީ މަޛްހަބުގެ ރަޢުޔެވެ.
ދެވަނަ ރައުޔު: 4 އިސްތަށި ނުވަތަ އެއަށްވުރެ ގިނައިން އުފުރުން ނުވަތަ ބޭލުން. މިއީ އިމާމް އަޙްމަދުގެ ރިވާޔަތެއްގައި ވާ ގޮތެވެ.
ތިންވަނަ ރައުޔު: ބޯ ބޭލުމުގެ ސަބަބުން، ތަންހަޑިވެ، އޭގެސަބަބުން އުނދަގޫވެ، ފައިބާފައިވާ އިސްތަށި ސާފުކުރަންޖެހޭ މިންވަރަށް ބޮލުން އިސްތަށި ބޭލުން. މިއީ މާލިކީންގެ ރައުޔެވެ. އަދި މިމައްސަލާގައި އެންމެ ރަނގަޅު ރަޢުޔަކީ މިއީއެވެ. އެފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި އިބްނު ޙަޒްމު، އިބްނު ޢަބްދުލް ބައްރު އަދި އިބްނު ޢުޘައިމީން ރަޙިމަހުމުﷲ ހިމެނެއެވެ.(2)
ފުރަތަމަ ދަލީލު: ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَا تَحْلِقُوا رُؤُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ﴾ (سورة البقرة-196) މާނަ: އަދި ހަދްޔު، ކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން ފިދުޔައެއް ދިނުން ހުށްޓެވެ.
- ދަލީލު ނެގޭގޮތް: ބޮލުގަ އުކުނު އެޅުން ނުވަތަ އެހެންވެސް ބޮލުގެ ބައްޔެއް ޖެހިފައިވާ މީހާގެ ބޮލުގެ އިސްތަށި ބާލަން ޖެހިއްޖެ ނަމަ އޭނާގެ ބޯ އެއްކޮށް ނުވަތަ ބޮލުގެ އިސްތަށިގަނޑުގެ ބޮޑުބައެއް ބާލަން ޖެހޭނެއެވެ. އެވަރަށް ބާލައި ނިމޭއިރު ހުންނާނީ، އިސްތަށި ބޭލުމުގެ ސަބަބުން އޭގެސަބަބުން އުނދަގޫވެ، ފައިބާފައިވާ އިސްތަށި ސާފުކުރަންޖެހޭ މިންވަރަށް ބޮލުން އިސްތަށި ބޭލިފައެވެ. (3)
ދެވަނަ ދަލީލު: عن كعْبِ بنِ عُجْرَةَ رَضِيَ اللهُ عنه قال: ((أتى عليَّ النبيُّ صلَّى الله عليه وسَلَّم زَمَنَ الحُدَيْبِيَة والقَمْلُ يتناثَرُ على وجهي، فقال: أيؤذيكَ هوامُّ رأسِك؟ قُلْتُ: نعم. قال: فاحْلِقْ، وصُمْ ثلاثةَ أيَّامٍ، أو أطْعِمْ سِتَّةَ مَساكينَ، أو انْسُكْ نَسيكَةً))(4) މާނަ: ކަޢުބު އިބްނު ޢުޖްުރާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޙުދައިބިއްޔާގެ ދުވަސްވަރު، އަހަރެންގެ ބޮލުން މޫނުމައްޗަށް އުކުނު ފައިބަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޑައިގަތެވެ. އެހނިދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްސެވިއެވެ. "ތިބާގެ ބޮލުގައިވާ އުކުނުތަކުގެ ސަބަބުން ތިބާއަށް އުނދަގޫ ވޭ ހެއްޔެވެ؟" އަހަރެން ބުނީމެވެ. "އާނއެކެވެ." ދެން އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘް ކުރެއްވިއެވެ. "ތިބާގެ ބޯ ބާލާށެވެ. އަދި ތިން ދުވަހު ރޯދަ ހިފާށެވެ. ނުވަތަ ހަ މިސްކީނުނަށް ކާންދޭށެވެ. ނުވަތަ ކަންބަޅި އެއް ކަތިލާށެވެ."
- ދަލީލު ނެގޭގޮތް: ފިދުޔަ ދިނުން ވާޖިބު ވަނީ މި ޙަދީޘުގައި ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް، ކަޢްބު އިބްނު ޢުޖްުރާއަށް، ފިދުޔަ ދިނުމަށް އަމުރު ކުރެއްވި ފަދަ މިންވަރަކަށް ބޯ ބޭލުމުންނެވެ. ކަޢްބު އިބްނު ޢުޖްުރާގެ ބޮލަށް ޖެހުނު ބައްޔަކީ ގިނައިން އުކުނު އެޅުމެވެ. އުކުނުގެ ސަބަބުން ބޯ ބާލާނަމަ، ބާލައި ނިމޭއިރު ހުންނާނީ ބޭލި އިސްތަށިތައް ގިނަކަމުގެ ސަބަބުން އުނދަގޫވެ، އެ ސާފުކުރަންޖެހޭ މިންވަރަށް ބޮލުން އިސްތަށި ބޭލިފައެވެ.(5)
ތިންވަނަ ދަލީލު: عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عنهما: أَنَّ رَسُولَ اللَّهِ صلى الله عليه وسلم احْتَجَمَ وَهْوَ مُحْرِمٌ فِي رَأْسِهِ مِنْ شَقِيقَةٍ كَانَتْ بِهِ.(6) މާނަ: ޢަބްދުﷲ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އިސްތަށިފުޅަށް (އިސްތަށިފުޅު މިއީ ދިވެހި ބަހުގައި "ބޯ" މިބަހުގެ އެންމެ މާތް ގޮތް) ތަދުވުމުގެ ސަބަބުން، އިޙްރާމް ބަނދެގެން ވާ ޙާލުގައި، އެކަލޭގެފާނުގެ ބޮލުގައި ޙިޖާމާ ޖެއްސެވިއެވެ.
- ދަލީލު ނެގޭގޮތް: ބޮލުގައި ޙިޖާމާ ޖަހާނަމަ، ޙިޖާމާ ޖަހާތަން ބޭލުމަކީ ކޮންމެހެން ޟަރޫރީ ކަމެކެވެ. އަދި އެތަންކޮޅު ނުބާލައި ހިޖާމާއެއް ނުޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިޙްރާމުގެ ޙާލަތުގައި ވަނިކޮށް ޙިޖާމާ ޖެއްސެވިކަން މިއޮތީ ޘާބިތުވެފައެވެ. ނަމަވެސް އެއާއެކު އެކަލޭގެފާނު ފިދުޔަދެއްކެވިކަން އެނގޭކަށް ނެތެވެ. ޙިޖާމާ ޖެހުމަށްޓަކައި ބޭލޭ އިސްތަށީގެ ޢަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭ ވަރަށްވުރެ ގިނަ ކަމުގައި ވީ ނަމަވެސް، ފައިބާފައިވާ އިސްތަށި ސާފުކުރަންޖެހޭ މިންވަރަކަށް އިސްތަށި ބާލާކަށް ނުޖެހޭނެއެވެ. ނަމަވެސް އެއްވެސް ޝައްކެއް ނެތި ޔަޤީން ކަމާއެކު އިނގޭ ގޮތުގައި ފުރަތަމަ ރައުޔާއި ދެވަނަ ރައުޔުގައިވާ މިންވަރު ކަމަށްވާ 3 ނުވަތަ 4 އިސްތައްޓަށްވުގެ ގިނައިން ބާލަން ޖެހޭނެއެވެ.
ޚުލާޞާ: ކަޢުބު އިބުނު ޢުޖުރާގެ ޙަދީޘުން އެނގިގެން ދިޔައީ ތިންވަނަ ރައުޔުގައި ވާ ފަދައިން ބައްޔެއްގެ ސަަބަބުން ނަމަވެސް ބޮލުގެ އިސްތަށި ބޭލުމުން ނުވަތަ ވަކި ކުރުމުގެ ސަބަބުން ތަން ހަޑިވެ ސާފުކުރަން ޖެހޭ މިންވަރަށް އިސްތަށި ފައިބައިފިނަމަ، ފިދުޔަ ދޭންޖެހޭނެކަމެވެ. އަަދި އިބްނު ޢައްބާސްގެ ޙަދީޘުން އެނގިގެން ދިޔައީ ފުރަތަމަ ރައުޔާއި ދެވަނަ ރައުޔުގައި ވާ މިންވަރަށް އިސްތަށި ވަކިވި ނަމަވެސް ފިދުޔަ ދޭން ނުޖެހޭނެކަމެވެ. އެހެންކަމުން ކުރިންވެސް ބުނެވި ދިޔަ ފަދައިން، މިމައްސަލާގައި އެންމެ ރަނގަޅު ރައުޔަކީ ތިންވަނަ ރައުޔެވެ.
ރިފަރެންސް:
- انظر: الشرح الممتع (7/119), الشرح الكبير لشمس الدين ابن قدامة (3/264)
- انظر: الشرح الممتع (7/120-119)، الذخيرة للقرافي (3/308-309) ، المحلي(7/208-211) ، الاستذكار(4/160)
- انظر: الشرح الممتع (7/119), الشرح الكبير لشمس الدين ابن قدامة (3/264)
- رواه البخاري ( 4190 )، ومسلم (1201)
- انظر: الاستذكار(4/160)
- رواه البخاري (5701)، ومسلم (1202)