މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ހަމަޖައްސަވައިފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް ޢައްޔަނު ކުރައްވާފައި މިވަނީ އެ ޤާނޫނުގައި ބުނާ ފަދައިން ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރީގެ ކަންތައްތައް ބަލަަހައްޓަވާ ވުޒާރާ ގުޅިގެން އުފެއްދި ސިލެކްޝަން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ނަން ތަކުގެ ތެރެއިންނެވެ.

Ad
rt

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އާތިފާ އަލީގެ މަގާމުގެ ތިން އަހަރުގެ ދައުރު ނިމިފައި ވާތީއެވެ.

ޑރ. އަހުމަދު އިނާޒަކީ ފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ކޯލިޝަން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ. ފާހަގަ ކުރެވެނީ ރާއްޖޭގެ މަދު އިކޮނޮމިސްޓުންގެ ތެރޭގައެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީގައި ހިމެނެނީ ސިވިލް ސާރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް ފައިނޭންސް އަދި އެއިރެއްގައި ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާ މިނިސްޓްރީން ކަނޑައަޅުއްވާ ބޭފުޅުންނެވެ. މިކޮމިޓީ އިން ޝޯޓްލިސްޓް ކުރައްވާ ބޭފުޅުންގެ ކިބައިގައި ގާނޫނުގައި ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށް އެބޭފުޅުންގެ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ފޮނުވައި، އެކަން ކަށަވަރު ކުރެއެވެ.

ޕެންޝަން އޮފީހުގެ ބޯޑަކީ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޗެއަރޕާސަންގެ އިތުރުން ޕަބްލިކް ސެކްޓަރ ތަމްސީލް ކުރާ 3 މެންބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރާ 4 މެންބަރުންނެވެ.

ޕެންޝަން އޮފީސް ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތަކުތެރޭގައި ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުމާއި، ރިޓަޔަރމަންޓް ޕެންޝަން ޕޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުމާއި، ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައެޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުމާއި އަދި ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ.