އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަކީ އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ކުރިމަތިވާ އެންމެހާ ކަންތައްތަކެއްގައި ޢަމަލުކުރަންވީ ގޮތުގެ ދަލީލުތައް ނެގުމުގައި ރުޖޫޢަވާން ޖެހޭ އަޞްލެވެ. ނުވަތަ ފިޤުހީޙުކުމްތައް ދެނެގަތުމުގައި އިންސާނުން ބަރޯސާވާންޖެހޭ މަރުޖިޢުތަކެވެ.

މިތަނުގައި ބަޔާންކުރެވިފައިމިވާ މަޞްދަރުތަކުގެ ތެރޭގައި އެންމެ މުހިންމު ދެ އަސާސަކީ ކިރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. މިކަމަށް އިޝާރާތް ލިބެނީ އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވާ އަންނަނިވި ބަސްފުޅުންނެވެ. އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. "ކީރިތިޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން މެނުވީ ދީނުގެ އެއްވެސް ކަމެއް ޘާބިތެއް ނުކުރެވޭނެއެވެ. އެހެންތަކެއްޗަކީ އެޔާއި ގުޅިފައިވާ ތަކެއްޗެވެ." ޔަޢުނީ ޤުރްއާނާއި ސުންނަތް ފިޔަވާ ދެންހުރި މަޞްދަރުތަކަކީ ޤުރްއާނާއި ސުންނަތާއި ގުޅިފައިވާ ތަކެއްޗެވެ.

Ad
rt

ފުރަތަމަ މަޞްދަރު (ކީރިތި ޤުރްއާން)

ކީރިތި ޤުރްއާނަކީ ޖިބުރީލުގެ ފާނު މެދުވެރިކުރައްވާ މުޙައްމަދުގެފާނުގެ މައްޗަށް ޢަރަބިބަހުން ބާވައިލެއްވި ﷲގެ ކަލާމްފުޅެވެ. ޘަވާބުހޯދުމުގެ ނިޔަތުގައި ޤުރްއާނުން އެންމެ އަކުރެއް ކިޔައިފިމީހާއަށް ދިހަ ޘަވާބުލިބޭނެކަމަށް ޙަދީޘްކުރައްވާފައިވެއެވެ. އެފޮތުގައި އެއްވެސް ބާޠިލުކަމެއް، މަގުފުރެއްދުމެއް ނުވެއެވެ. އަދި އިންސާނެއްގެ އަމިއްލަ ބަހެއްވެސް އެފޮތުގައި ނުވެއެވެ.

މިކަން ކަށަވަރުކޮށް ދިނުމަށްޓަކައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفًا كَثِيرًا (ސޫރަތުއްނިސާއު ٨٢)

"ފަހެ، ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރްއާނަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."

ހަމައެކަނި މިބަސްފުޅަށް ވިސްނާލިކަމުގައި ވިޔަސް، ޤުރްއާނަކީ ﷲ ފިޔަވައި އެހެންފަރާތަކުން ގެނެސްފައިވާ ފޮތެއްނޫންކަން ހާމަވެގެންދެއެވެ.

ކިރިތި ޤުރްއާނަކީ އެފޮތުގައި ބަޔާންކުރައްވާފައިވާ އެންމެހާ ކަމަކަށް ޢަމަލުކުރުން ވާޖިބުވެގެންވާ ޙުއްޖަތެއްކަމަށް މުސްލިމް ޢިލްމުވެރިންގެ މެދުގައި އެއްވެސް ޒަމާނެއްގައި ޚިލާފެއް އައިސްފައެއްނުވެއެވެ. އަދި ދުނިޔަވީ ނުވަތަ ދީނީ ކަމެއްގައި ޙުކުމެއް ހޯދަންޖެހިއްޖެނަމަ، އެހުކުމެއް ޤުރްއާނުން ނުފެނިއްޖެ ޙާލަތެއްގައި މެނުވީ، ޤުރްއާންފިޔަވައި އެހެން މަޞްދަރަކަށް ރުޖޫޢަވުމެއް ނުވެއެވެ.

ކީރިތި ޤުރްއާން ބާވައިލެއްވުނު މަޤުޞަދުތަކާއިމެދު ފުންކޮށް ވިސްނާލައިފިމީހަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޤުރްއާން ބާވައިލެއްވީ ވަރަށްގިނަ ސަބަބުތަކަކަށްޓަކައިކަން ދޭހަވާނެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ވަރަށްމުހިންމު އަދި އެހާމެ މަތިވެރި ދެ ލަނޑުދަނޑިއެއް ނުވަތަ ދެ މަޤުޞަދެއް ނަކަލުކޮށްލާނަމެވެ. އެއީ

1- އެޤުރްއާން ބާވައިލެއްވުނު ފަރާތުގެ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތެދުވެރިކަން ދަލާލަތުކޮށްދޭ މުޢުޖިޒާތެއްކަމުގައި އެ ޤުރްއާންވެގެންދިއުން.

2- އެ ޤުރްއާނަކީ ޙައްޤާއި ބާޠިލުވަކިކޮށް، ތެދުމަގަށް ދަޢުވަތުދޭ އެންމެރަނގަޅު މަރުޖިޢުކަމުގައި ވެގެންދިއުން. މިކަމަށް އިޝާރާތް ކުރައްވާ އަލްއިސްރާ ސޫރަތުގެ 9 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާބަސްފުޅުގެ މާނައިގައި ވެއެވެ.

"ހަމަކަށަވަރުން މި ޤުރްއާން އެންމެސީދާވެގެންވާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ޞާލިޙު ޢަމަލުތައްކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ."

ކީރިތި ޤުރްއާނުގައި ޢަޤީދާގެ ޙުކުމްތަކާއި ޝަރީޢަތުގެ ޙުކުމްތަކާއި އިންސާނާގެ ސުލޫކާޢި އަޚްލާޤީ އެންމެހާ ޙުކުމްތަކެއް ބަޔާންވެގެންވެއެވެ. އެހެންވީމާ އިންސާނާގެ ދުނިޔަވީ ހުރިހާކަމެއްގައި ޢަމަލީ ޙުކުމްނެގުމުގައި ފުރަތަމަ އަސާސެއްކަމުގައި ބަލަންޖެހޭނީ ކީރިތި ޤުރްއާނަަށެވެ. ކީރިތި ޤުރްއާނުން ދަލީލުތައް ނަގާއިރު އަހަރުމެންނަށް ކޮންމެހެން އެނގެންޖެހޭ ވަރަށްމުހިންމު އެހެންބައިތަކެއްވެސް ވެއެވެ. އެއީ ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި، އަދި އެ ޤުރްއާނުގެ ލަފުޒުތަކުގައިވާ މާނަތައް ހޯދާއި، ދެނެގަތުމަށްޓަކައި ކޮންމެހެން މެނގެންޖެހޭ ވަޞީލަތްތަކެއް ވާކަމެވެ. އެކަންތައްތަކަކީ:

1- ޢަރަބިބަހުގެ ލަފުޒުތަކުން ދަލީލުކުރާ މާނަތަކާއި އަދި ޢަރަބިން ވާހަކަދައްކައި އުޅުމުގައި ޢަރަބި އުސްލޫބުތައް އެނގުން. އެހެނީ ޢަރަބިބަހުގައިވެސް އެއްލަފުޒެއްގައި އެތައް މާނަތަކެއް އެކުލެވިގެންވާއިރު، އެ ލަފުޒު، އެތަނުގައި ބޭނުންކޮށްފައިވަނީ ކޮންމާނައެއްގައިކަން އެނގިގެން މެނުވީ އާޔަތެއްގެ މާނަ އެންމެ ފުރިހަމަގޮތުގައި ނުކުރެވޭނެއެވެ. ހަމައެކަނި އާޔަތުގެ ބޭރުފުށަށް ބަލައިގެން އާޔަތުގެ މާނަކުރާނަމަ ވަރަށްގިނަފަހަރު، އާޔަތުގެ އަސްލުމާނައާއި އެއާޔަތް ބާވައިލެއްވެވި އަސްލު މަޤުޞަދުން ބޭރުން މާނަކުރެވޭގޮތް ވެގެންދެއެވެ.

2- ކީރިތި ޤުރްއާނުން ޙުކުމްތައް ނަގާއިރު، ކީރިތި ރަސޫލާ ޞައްސަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެހީތެރިކަން ހޯދުން. އެހެނީ ކީރިތި ރަސޫލާ ޞައްސަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީވެސް މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅެވެ.

3- އާޔަތްތަކުގެ ސަބަބުއްނުޒޫލު އެނގުން. ބައެއް އާޔަތްތަކުގެ އަޞްލުމާނަ ދެނެގަނެވޭނީ އެ އާޔަތް ބާވައިލެއްވުނު ތަނާއި ސަބަބުވެސް އެނގިގެންކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ.

4- ޤުރްއާން ބާވައިލެއްވެމުން ދިޔަ ދުވަސްވަރު ޢަރަބީންގެ މުޖުތަމަޢުގައި ހުރި ޚާއްޞަގޮތްތަކާއި އެމީހުންގެ އާދަކާދައާއި، އެގޮތެއްގެ މަތީގައި ޢަރަބީން އުޅެބޮޑުވި ގޮތްތަކާއި، އެމީހުންގެ ޢަމަލުތަކާއި، ދިރިއުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރިނެތްގޮތް އެނގުން.

"ނުނިމޭ"

ނޯޓް: މިލިޔުމުގައި ގެނެސްފައިވާ ބައެއް މަޢުލޫމާތުތަކަކީ އަޅުގަނޑުގެ ޑިގްރީ ކޯހާއި މާސްޓަރސް ކޯހުގައި ބޭނުންކުރި ބައެއް މަޢުލޫމާތުތަކެވެ.