ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ތިންވަނަ ދުވަހުގެ މެޗުތަކުގައި ޓީމް ހަނިމާދޫއާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބު ކުރިއިރު، އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި ކުޅުދުއްފުށި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނެއްލައިދޫގެ މައްޗަށް ހަނިމާދޫއިން ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުން ވެސް ބޯޅަ ތިރިކޮށްގެން ކުޅެން މަސައްކަތް ކޮށްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމް (އާސިއްޕެ) ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، އަލީ އާމިރުއެވެ. ތިންވަނަ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަނިމާދޫ ޓީމްގެ ކެޕްޓަން އާސިއްޕެއެވެ.
މެޗުގައި ނެއްލައިދޫ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 26 އަލީ ޝަހީންއެވެ.
ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށީ ޒިގްޒެގާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޒިގްޒެގުންނެވެ. މި ލަނަޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21 ޒައިދު މުހައްމަދެވެ.
މެޗުގައި އިހަވަންދޫ އިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ، މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 14 މުހައްމަދު ފާރިޝްއެވެ.
އަންނަ ބުދަ ދުވަހު މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އަމިއްލަ ދަނޑުގައި ހަނިމާދޫ ނުކުންނާނީ އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި ދެކޮޅަށެވެ. ދިއްދޫއިން އަމިއްލަ ދަނޑުގައި ނުކުންނާނީ ނެއްލައިދޫއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!