1943 ވަނަ އަހަރު ށ އަތޮޅު މާކަނޑޫދޫއަށް އުފަންވި ޢަލީ އަހްމަދަކީ މާކަނޑޫދޫގެ ޢީދުފޯރިއަށް ބޮޑު އިންގިލާބެއް ގެނައި ކުޅަދާނަ ހުނަރުވެރިއެކެވެ.

ކުޅިވަރާއި މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް އަންނާން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި މޭސްތިރިއެކެވެ.

Ad
rt

އުމުރުގެ ވަރަށް ޅަފަތުގައި ބޮޑުބެރާއި އޭގެ ހަމަތައް ދަސްކުރެއްވެވިއެވެ. ތާރައާއި ޘަޤާފީ ކުޅިވަރުތަކުގެ ފުންކަނޑަށް ފުންމަވާލެއްވިއެވެ. އެކަނޑުގައި ޢަލީ އަހްމަދު، އެންމެން ދަންނަ ނަމުންނަމަ ( ބޭބެ ޢަލީ ) ނުފީނާ އެންމެ ހިސާބެއްވެސް ނެތެވެ. ނަތީޖާއަކަށްވީ ޢީދެއް އަންނަކަމަށްވަންޏާ ކޮންމެ ބަޔަކުވެސް އެންމެ ފުރަތަމަ ދުއްވައިގަންނާނީ ދޭލިޔާގެޔާ ދިމާއަށްކަމަށްވުމެވެ. ބޮޑުބެރު އެޅުމާއި، ކޯޑި ހެދުމާއި، ތާރައެޅުމާއި، ކުޅިވަރުތައް ފަރިތަކުރުމުގައި ޒުވާނުން ގޮވައިގެން އަމަލީގޮތުން އެކަމުގައި ބައިވެރިވި އެންމެންގެ އިސްމީހަކަށް ބޭބެ ޢަލީ ވުމެވެ. އެއްވެސް ކުޅިވަރެއް އެ ސަޙުސިއްޔަތަކާއި ނުލާ ފުރިހަމަ ނުވާ ވަރުގެ ފަހުލަވާނަކަށް ވެގެން ދިއުމެވެ.

2001 ވަނަ އަހަރު ށ އަތޮޅުގެ މާކަނޑޫދޫގެ ރައްޔިތުން ށ އަތޮޅުގެ މިލަންދޫއަށް އޭރުގެ ސަރުކާރުން ބަދަލު ކުރަން ފެށުން ވެގެން ދިޔައީ ބައެއް ފަރާތްތަކުގެ ހިތްތަކަށް ކެތްވާވަރުގެ ކަމަކަށް ނޫނެވެ. ސަބަބަކީ އެމީހުންގެ އެންމެ ޅަފަތުގެ ހަނދާންތަކާއި އެމީހުންގެ ކާބަފައިން ދިރިއުޅުނު ބިން ދޫކޮށް އެހެން ރަށަކަށް ހިޖުރަ ކުރަންޖެހުމެވެ.

މިހާލަތުގައި، މިކަމަކީ އެންމެހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްކަން ރައްޔިތުންނަށް ވިސްނައިދީ އެކަމުން ލިބިގެން ދާނެ ފައިދާތަކުގެޝުޢޫރުތައް ރައްޔިތުންގެ ހިތްތަކަށް އެންމެ ތޫނުކޮށް ފޮނުވާލި އެއްފަރާތަކީ މިދަންނަވާ ބޭބެ ޢައްޔާއި އޭނާގެ ބޮޑުބެރު ގުރޫޕެވެ. އެކި ބޮޑުބެރު ލަވަ ތަކުގެ ޒަރިއްޔާއިން ރައްޔިތުންގެ ޖޯޝާއި ފޯރި އައު ކޮށްދެއްވެވިއެވެ.މިލާފައިވާ ހިތްތަކަށް ދިރުން ގެނެސްދެއްވެވިއެވެ. "ދާނީ މިލަންދޫއަށް ، ކަނޑޫދޫން، މިލަންދުއަށް، ބަދަލުވުމަށް އެދޭތީ" ފަދަ އުންމީދުގެ ޝުޢޫރީ ލަވަތަކަކީ އަދިވެސް މިލަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ލަވަތަކެކެވެ.

މިލަންދޫގައި މީހުން އާބާދުވުމަށްފަހުގައި އެތައް ކުޅިވަރު ޢީދެއް ސީދާ ބޭބެޢަލީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވިއެވެ. ބޭބެ ޢަލީ އާއި އެކު އެންމެ ގިނަ ދުވަހު ކުޅިވަރު ޢީދުތަކުގައި ބައިވެރިވެފައިވާ އެއްފަރާތް ކަމުގައިވާ، ޔެލޯ ހައުސް ޔޫސުފު އާދަމް ވިދާޅުވިގޮތުގައި "ބޭ ބެޢަލީ އަކީ އެމީހުންގެ ރޫހެވެ. އޭނާ ނުވާނަމަ ޢީދެއް ފުރިހަމަ ވެގެނެއް ނުދާނެއެވެ. އެއީ ކުޅިވަރު ލައިބުރަރީއެކެވެ. އޭނާ ނުދަންނަ އާލާތެއް ނޭނގޭ ހަމައެއް ޘަޤާފީ ކުޅިވަރުތަކުގެތެރޭގައި ނޯންނާނެއެވެ.".

ރަށުގެ ޘަގާފީ ކުޅިވަރުގެ އިސް މާހިރެއް ކަމުގައިވާ 80ގެ ފަހުއަހަރުތައް ގުނަމުންދާ ޢަލީ ސުލައިމާނު (ތުއްތު އަލިބެ) ފާހަގަ ކުރެއްވި ގޮތުގައި، “ބޭބެ އައްޔަކީ ޒުވާނުން ގޮވައިގެން ކުޅިވަރު ކުޅުމުގައި އެމީހުން ބެލެހެއްޓެވި މުރީދެކެވެ. ބޭބެޢަލީ ނެތްނަމަ ޢީދުފޯރި އަކީ ކޮންއެއްޗެއް ކަންވެސް މިލަންދޫގެ މިހާރުގެ ޒުވާނުންނަށް ނޭނގުނީހެވެ. ރަށުގައި ޘަގާފީ ކުޅިވަރުތައް ކުޅުމުގައި ޚާއްސަކޮށް ބޮޑުބެރު ޖެހުމާއި ލަވަ ކިޔުމުގައި ބޭބެ ޢަލީ ޝާމިލު ނުވާ ދުރު ހަނދާނެއްވެސް ނުވެއެވެ. އޭނާއަކީ އަހަރުމެންގެ ހިތްވަރެވެ. އެއީ އެފަދަ ދެވަނެއް ނުވާނޭ ވަރުގެ ހުނަރުވެރިއެކެވެ”.

މާކަނޑޫދޫގެ ތަރައްގީއަށް ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތެއްގައިހެން ޢަލީ އަހްމަދުގެ ބޮޑު ބަައިވެރިވުމެއް އޮތެވެ. އެގޮތުން މާކަނޑޫދޫގެ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބާޑީ ލުމަށް ކުރެއްވި މަސައްކަތް ފާހަގަ ކޮށްލެވެއެވެ. އެކަމުގައި އެންމެ އިސްކޮށް އަމަލީގޮތުން މަސައްކަތް ކުރެއްވި އެއްފަރާތަކީވެސް އޭނާއެވެ. މިލަންދޫއަށް ބަދަލުވުމަށްފަހުވެސް އެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނައިސް އެގޮތުގައި ކުރިއަށް ދިޔައެވެ. މިލަންދޫގެ މަޝްހޫރު ކޮންކްރިޓް ޖެޓީއާއި މިލަންދޫ ފެހި ކުރުމުގެ މަޝްރޫޢުގެ ދަށުން ރުއް އިންދުންފަދަ މަސައްކަތްތަކަށް ބަލައިލި ކަމުގައި ވީނަމަވެސް އެކަށްވެސް އެއީ ބޭބެ ޢަލީގެ ބެއްލެވުމުގެ ދަށުން ކުރިޔަށްގެންދިޔަ މަޝްރޫޢުތަކެވެ. އަދިވެސް އެތަކެއް މަސައްކަތްތަކެވެ.

ޢަލީ އަހްމަދު (ބޭބެ ޢަލީ) ފާހަގަ ކޮށްލެވެނީ ހަމައެކަނި މިދަންނަވާ ކަންކަމުގައި އެކަންޏެއް ނޫނެވެ. އަމިއްލަ ދިރިއުޅުއްވުމުގައިވެސް އެއީ ކާމިޔާބު ޝަޙުސިއްޔަތެކެވެ. ހަރުދަނާ ފިރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. ލޯބިވެތި ކާފައެކެވެ. ބައްޕަކިޔާ 10 ދަރިން ދުނިޔޭގައި ތިބިއިރު ކޮންމެ ދަރިޔަކީވެސް މުޖުތަމަޢު ބަލައިގަންނަ އަޙުލާގު ރަނގަޅުދަރިއެކެވެ. އެންމެ ދަރިއެއްވެސް ގޯސްމަގަކުން ގޮސްފައިނުވާކަމީ ބައްޕައެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކޮށްފައިވާކަމުގެ އަލިގަދަ ހެއްކެކެވެ.

18 ކާފަދަރިންނާއި 3 މުނިކާފަދަރިން ތިބިއިރު އެ ހުރިހާ ދަރިންގެވެސް އާއިލީ ‘ ފޭވަރިޓަކަށް’ ކާފަ ވެގެން ދިއުމަކީ އިއްތިފާގެއް ނޫނެވެ. އެއީ އެކުދިންނާއި ބެހެއްޓެވި ގާތްކަމާއި ދެއްވެވި ލޯތްބަށްޓަކައި، އެކުދިންގެ ހިތުން ކާފައަށް ދެވިފައިވީ އިޙުލާސްތެރި ޤަދަރެވެ. ހިތުގެ އެންމެފުނުން ވީ ލޯތްބެވެ.

ރަށުގެ އިޖުތިމާޢީ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވަމުންއައި އިސް ރަށްވެއްސެއް ކަމުގައިވި ޢަލީ އަހްމަދު ޢުމުރުން 79 އަހަރުގައި މި ފަނާވަނިވި ދުނިޔެއާއި ޢަލްވަދާޢުކިއީ ބަލިވެ އުޅުއްވާ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، 16 ޖޫން 2022 ވީ ބުރާސްފަތި ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައެވެ.

މިލަންދޫ ޢީދު ފޯރިއަށް ފަޅުކަންގެނެސްދެމުން އަހަރުމެންނާއި ވަކިވެގެން އެދިޔައީ އަގުނުކުރެވޭފަދަ އަލިގަދަ ތަރިއެކެވެ. ބޮޑު ޢާއިލާއެއް ހެޔޮމަގުގައި ތަރުބިއްޔަތުކުރި ބެލެނިވެރިއެކެވެ. ރަށުގެ ރައްޔިތުންގެ ލޯބިލިބިފައިވާ އިސްރަށްވެއްސެކެވެ.

ދުޢާ އަކީ ޢަލީ އަހްމަދުގެ ފުރާނައަށް މާތް الله ރަޙުމަތް ލައްވަވާ، ޖަންނަތުލް ފިރުދައުސްގައި އަބަދުމެ ލެއްވެވުމެވެ. އާއިލާއަށް ކެތްތެރިކަން ދެއްވަވާ، ސާބިތުކަން ދެއްވެވުމެވެ. އާމީން! ޔާރައްބަލް ޢާލަމީން