‏މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން ހއ. ހދ. އަދި ށ. އަތޮޅަށް ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުގެ "ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު" ހަނިމާދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

‏މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފަ އެވެ.

Ad
rt

މި މައުރަޒުގައި ބޮޑު ތިލަދުންމަތީގެ 3 އަތޮޅުން 20 ރަށެއްގެ ދަނޑުވެރިން ބައިވެރިވީއިރު، ކޮންމެ ރަށަކުން 3 މީހުންނަށް ފުރުސަތު ދީފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަ ކުރައްވައެވެ.

މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢު ހިންގާ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މިއީ މިގޮތަށް ކުރިއަށް ގެންދާ ސަރަހައްދީ ފުރަތަމަ މަޢުރަޒެވެ. މި މަޢުރަޒުގައި ދަނޑުވެރިންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވާއިރު، ތިމާވެއްޓާއި ރަޙުމަތްތެރި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.

މީގެއިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް މިއަދުގެ މަޢުރަޒުގައި ބައިވެރިވި ދަނޑުވެރިންގެ އުފެއްދުންތައް ތަޢާރަފު ކޮށްދީފައި ވާއިރު ދަނޑުވެރިންނާއި އެ ވިޔަފާރިވެރިންނާއި ގުޅުން އުފައްދައިދީ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފު ކޮށްދީފައި ވެއެވެ.

މިއަދު ބޭއްވި މަޢުރަޒުގައި ކޮންމެ ރަށަކަށް ސްޓޯލެއް ދީފައި ވާއިރު، މި ސްޓޯލްތަކުގައި އެރަށްރަށުގައި ހައްދާ ވިއްކާ ދަނޑުވެރިކަމުގެ ބާވަތްތައް ދައްކާލަން ބެހެއްޓިފައިވެއެވެ.

މި މަޢުރަޒުގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ރިސޯޓްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތައް ވެސް ބައިވެރި ވެފައި ވެއެވެ.

މި މައުރަޒުގެ ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ މާކެޓް ހޯދައިދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަ ކުރައްވައެވެ.

މި މަޢުރަޒުގެ ތެރެއިން ގުޅުންތައް ބަދަހިވެ ސަޕްލަޔަރުންނާއި ވާހަކަ ދެކެވި ވިޔަފާރި ގުޅުންތައް ޤާއިމްކޮށް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން އުއްމީދު ކުރައްވައެވެ.

1 ދުވަހަށް ކުރިއަށް ގެންދިޔަ މި އެގްޒިބިޝަންގެ ތެރެއިން ރިސޯޓްތަކުން ތަކެތި ގަންނައިރު އެމީހުން ބޭނުންވާ ކޮލެޓީތައް ދެނެގަނެވޭނެއެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ދަނޑުވެރިކަން ކުރާނެ އާލާތްތައް ހޯދޭނެ ގޮތްތައްވެސް ދަނޑުވެރިންނަށް ބުނެދޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.