ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތައް ނިންމާލައިފިއެވެ.
ފޭދޫ ކައުންސިލުން އިންތިޒާމު ކޮށްގެން މުޅިން އަލަށް ބޭއްވި ކުޅިވަރު ތަކުގެ ތެރޭގައި ކަނބަލުންނަށް ޚާއްސަކޮށް ބޭއްވި ހޭންޑްބޯލް މުބާރާތަކާއި ފިރިހެނުންނަށް ޚާއްސަކޮށް ބޭއްވި ފުޓްސެލް މުބާރާތް ހިމެނެއެވެ.
ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް ވިދާޅުވީ، މިކުޅިވަރުތަކުގެ ތެރެއިން ހޭންޑް ބޯލް މުބާރާތް ބާއްވާފައިވަނީ އެރަށުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ކަމަށެވެ. އަދި ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔައީ މުޅި ރަށަށް ހުޅުވާލައިގެން ކަމަށެވެ.
ކައުންސިލް ހޭންޑްބޯލް މުބާރާތުގައި ހަތަރު ޓީމު ވާދަ ކުރިއިރު މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ފޭދޫ ސްކޫލްގެ ހޭންޑް ބޯލް ޓީމެވެ. މި މުބާރާތުގެ ފައިނަލް މެޗު ގައި ސްކޫލު ހޭންޑް ބޯލް ޓީމުން، ކައުންސިލުގެ ހޭންޑް ބޯލް ޓީމު ބަލިކޮށްފައިވަނީ 24-6 އަކުންނެވެ. މި މުބާރާތުގައި ދެން ވާދަކޮށްފައިވަނީ ފެނަކަ އާއި ސިއްހީ މަރުކަޒެވެ.
މީގެއިތުރުން ފިރިހެނުންނަށް ޚާއްޞަ ކޮށް، މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި ފުޓްސެލް މުބާރާތުގައި 6 ޓީމަކުން ވާދަކުރި އިރު ނުފޫޒު އެފްސީ ބަލިކޮށް ބަފަނަ ސްޕޯޓްސް ކްލަބް ތަށި ހޯދީ 5 ލަނޑު 0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިން
ފުޓްސަލް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ދެ ކުޅުންތެރިއަކު ހޮވުނެއެވެ. އެއީ ނުފޫޒް އެފްސީގެ މުހައްމަދު އިޔާޝް އަދި ބަފަނަ ސްޕޯޓްސް ކްލަބްގެ ޢަބުދުﷲ ރިމާޙް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު މުބާރާތުގައި 8 ގޯލު ޖަހާފައިވެއެވެ.
މި މުބާރާތުގެ ކިންގް އޮފް ޓޯނަމަންޓްގެ މަގާމް ހާސިލް ކުރީ ބަފަނަ ސްޕޯޓްސް ކްލަބްގެ މާއިލް މުޙައްމަދެވެ.
މުބާރާތުގެ ކިންގް މާއިލް
މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން ކޮންމެ ޗެމްޕިއަން ޓީމަކަށް ފޭދޫ ކައުންސިލުން ވަނީ ދިހަހާސް ރުފިޔާ ދީފައެވެ. ރަނަރަޕް ޓީމުތަކަށް ވެސް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
މި މުބާރާތަށް ރަށުގެ ޒުވާނުންނާއި ޖަމްޢިއްޔާތަކާއި މުވައްސަސާ ތަކުމް ދިން އެއްބާރުލުން ފާހަގަ ކުރައްވާ ކައުންސިލުގެ ރައީސް އަހުމަދު ރައިސަމް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!