ހދ. ނޮޅިވަރަންފަރުގައި "މޫދު ކަސްރަތުން އުފާވެރިކަން" ނަމުގައި ނޮޅިވަރަންފަރު އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ހިންގާފައި ވަނީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެންނެވެ.
މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ އިތުރުނ ކަސްރަތު ކުރުމުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ވަރަށް ކުލަކޮށް ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ރާއްޖޭގެ ދިފާއީ ވަޒީރު މާރިއާ އަޙްމަދު ދީދީއެވެ. މާރިއާގެ އަރިހުގައި އެކަމަނާގެ ފިރިކަލުންނާއި އަދި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޝަރަފް މެހްމާން މިނިސްޓަރު މާރިޔާއަށް ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ނަޒްމީނާ އަހްމަދު ހަނދާނީ ހަދިޔާއެއް އަރުވަނީ، ފޮޓޯ: ނޮޅިވަރަންފަރު ރ.ކ.މ
އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމާއި ގުޅޭގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ނަޒްމީނާ އަހްމަދު "ތިލަދުން" އަށް ވިދާޅުވީ، މި ޕްރޮގްރާމްގައި 75 ފަރާތަކުން ބައިވެރިވެ، 64 ބައިވެރިއަކު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމުން 1 ވަނަ ހޯދާފައި ވަނީ ރިޔާސާ ޝަރީފް، އަލްފާ/ހދ. ނޮޅިވަރަންފަރު އެވެ. ފާތިމަތު ލީނާ، އަމާޒު/ހދ. ނޮޅިވަރަންފަރު، މި ޕްރޮގްރާމުން 2 ވަނަ ހޯދިއިރު 3 ވަނަ ހޯދާފައި ވަނީ ނިއުމާ ޢަބުދުﷲ، ނޫހިރި/ހދ. ނޮޅިވަރަންފަރެވެ.
މި ޕްރޮގްރާމުން 1 ވަނަ ހޯދާފައިވާ ރިޔާސާ ޝަރީފަށް އިނާމް ހަވާލުކޮށް ދެއްވަނީ، ފޮޓޯ: ނޮޅިވަރަންފަރު އ.ތ.މ.ކ
ހުސްވި މޭ މަހުގެ 10 ވަނަ ދުވަހު ފެށި މިޕްރޮގްރާމް ނިންމާލާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމް ހިންގުމުގައި އެހީތެރިވި ފަރާތްތަކަށް ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އޭގެ ތެރޭގައި ރަށުގެ ހުރިހާ މުއައްސަސާތަކާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) އާއި، ނޮޅި އެސްކޭޕް، އަބުދުއްރަޝީދު މުޙައްމަދު، ސަންރައިޒް/ނޮޅިވަރަންފަރު އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ހިމެނެއެވެ.

މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވާފައި ވަނީ އެމްއެންޑީއެފްގެ އިންސްޓްރަކްޓަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!