ހއ. އުތީމުގައި އެރަށު ކައުންސިލުން "އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް" ނަމުގައި ޕްރޮގްރާމް ފަށައިފިއެވެ.
އުތީމު ކައުންސިލުން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެރަށުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ "އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް" ނަމުގައި ފެށުނު ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ.
އުތީމު ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިފްތިތާހްކުރި މި ޕްރޮގްރާމްގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ 125 ގޭ ބިސީއަށް މިހާރު ރުއްތައް ހަވާލުކޮށްފައިވާ ކަމަށެވެ.
"މިރަށުގައި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ބިން ދޫކޮށްފައިވާ ސަރަހައްދަށް ދިޔުމަށް އޮންނާނެ ބޮޑު މަގެއް ހަދާފައި، އެ މަގުގައި ހުންނާނެ ކޮންމެ 15 ފޫޓަކުން ރުއް އިންދާފައި، މި ޕްރޮގްރާމްގެ ދަށުން މިރަށު މީހުން އުޅޭ ކޮންމެ ގޭބިސީއަކަށް ވަނީ އެތަނުން ރުކެއް ހައްދައި ބަލަހައްޓަން ހަވާލުކުރެވިފައި، ރުއް ފޯއްދުނީމައި އެރުކުން ލިބޭ ތަކެތި ވެސް ލިބޭނީ އެ ގޭބިސީއަކަށް" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، ރުއްތައް ހަވާލުކޮށްފައި ވަނީ ގުރުއަތުން ކަމަށެވެ. އަދި ކޮންމެ ރުކަކަށް ނަންބަރެއް ދީފައިވާ ކަމަށެވެ.
"ކޮންމެ ރުކަކާއެކު މެލޭޝިއާ ކާއްޓެއްވެސް ވަނީ ހަވާލު ކުރެވިފައި، އެ ކާށި އިންދައި އެއިން އަންނަ ރުއް ހައްދާ ބަލަހައްޓާނީ ވެސް އެ ކާއްޓާ ހަވާލުވި ގޭބިސީއަކުން" ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެރަށުގައި އަލަށް އާބާދުވާ ކޮންމެ ގޭބިސީއަކަށް ވެސް މި ޕްރޮގްރާމްގެ ދަށުން ރުއް ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރަމުން ދަނީ އެކަމަށް ކައުންސިލުން ހަދާފައިވާ ހާއްސަ އުސޫލެއްގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!